ޚަބަރު

ނައިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ


ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ މިފްލެޓުތައް ޢިމާރާތްކުރުމުގެ މަސައްކަތާއި ޑިޒައިން އެންޑް ބިޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ އިޢުލާންކޮށްފައެވެ.

ޅ.ނަރިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅެއްގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ. އެމަނިކުފާނުވަނީ ނައިފަރުން، އިތުރު 52 ހެކްޓަރުގެ ބިން ހިއްކަވާދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. ނައިފަރަކީ އާބާދީގައި 5473 މީހުން ދިރިއުޅެމުންދާ ރަށެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ކާރިމް ވިދާޅުވީ ބިމުގެ ޖާގައިގެ ދަތިކަމަކީ އެރަށަށް ވަރަށްބޮޑަށް ދިމާވެފައިވާ ކަމެއްކަމަށެވެ. މިހާރުވެސް ގޯތި ބޭނުންވާ 1000 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަން ކާރިމް ފާހަގަކުރެއްވިއެވެ.

ބިމުގެ ދަތިކަން ޙައްލުކުރުމަށް 2004ވަނަ އަހަރުވެސް ވަނީ ނައިފަރުގެ ބިންހިއްކާފައެވެ. އެއާއެކު 2012ވަނަ އަހަރު ވަނީ އެރަށުން 300 ގޯތި ދޫކޮށްފައެވެ. ކާރިމް ވިދާޅުވީ އެރަށުގައި އަލަށް ތަރައްޤީކުރަން ނިންމި ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރާނީ ހިއްކިބިމުގައިކަމަށެވެ. އެއީ އެއް ލައްކަ އެގާރަ ހާސް އަކަފޫޓުގެ ބިމެކެވެ.

ނައިފަރު ހިއްކިބިމުގައި މީގެއިތުރުންވެސް 120 ގޯތި ދޫކުރެވޭނެ ޖާގަ އެބައޮތްކަމަށާ އެހެންނަމަވެސް އިތުރު ގޯތި ދޫކުރުމަށް މިބިން ބޭނުންކޮށްފިނަމަ ރަށުގައި އިތުރު މަސައްކަތްތައް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ބިން ނޯންނާނެކަން ކާރިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެރަށުން އިތުރު 52 ހެކްޓަރުގެ ބިން ހިއްކެވުމަށް ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ، އެރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ލިބިގެންދާނެ ޙައްލެއްގެ ގޮތުގައި ކާރިމް ސިފަކުރެއްވިއެވެ.

ނައިފަރުގައި ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމަށް ބީލަމަށް ހުޅުވާލުން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 17ވަނަ ދުވަހުއެވެ.