ޚަބަރު

ފަޤީރުންނަށް އެހީވުމަށް، އެހީ ޖަމްޢިއްޔާއިން "މީލް އޮން ބޯޑް"ގެ ނަމުގައި ޙަރަކާތެއް ފަށައިފި


ރާއްޖޭގައި ދިރިއުޅޭ ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އެހީ ޖަމްޢިއްޔާއާއި ޑޯސޭ ރެސްޓޯރެންޓްގުޅިގެން ޚާއްސަ ހަރަކާތެއްފަށައިފިއެވެ.

"މީލް އޮން ބޯޑް"ގެ ނަމުގައި ފެށި މި ޙަރަކާތުގެ ދަށުން ޑޯސޭ ކެފޭއިން، ކޮފީއެއް ނުވަތަ ކާއެއްޗެއް ގަންނަ ކޮންމެ މީހަކަށްވެސް ފަޤީރުންނަށް އެހީވުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެހީ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.

މި ހަރަކާތުގެ މަޢުލޫމާތުދެމުން އެހީ ޖަމްޢިއްޔާގެ ރައީސް އަޙްމަދު އިޤްބާލު ވިދާޅުވީ، ރާއްޖޭގައި ދަތި ހާލުގައި އުޅެމުންދާ ފަރާތްތަކަށް އެހީވުމަށް އެ ޖަމްޢިއްޔާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާކަމަށެވެ. އެގޮތުން ރައްޓިހިންނާއެކު ކޮފީއަށްދާ މީހުންނަށް ނުވަތަ އާއިލާއާއެކު ކެއުމަކަށް ޑޯސޭ ރެސްޓޯރެންޓަށް ދާ މީހުންނަށް "މީލް އޮން ބޯޑް" ހަރަކާތުގެ ދަށުން ނިކަމެތިންނަށް އެހީވުމުގެ ފުރުޞަތު މިހާރު ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން ޑޯސޭ ރެސްޓޯރަންޓުން އޯޑަރ ދޭއިރު "މީލް އޮން ބޯޑް"ގެ ތިން އޮޕްޝަންގެ ތެރެއިން އެއް އޮޕްޝަނެއް އިޚްތިޔާރުކޮށްގެން 25 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފަޤީރުންނަށް އެހީތެރިވެދެވޭނެކަމަށް އިޤްބާލު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހަރަކާތުން ބައްލަވައިގަންނަވާއިރު ބިލްއާއި އެކު މީލް އޮން ބޯޑްގެ ބިލްވެސް ލިބިވަޑައިގަންނަވާނެ. އަދި ޕޭމެޓް ދެއްވުމުން ކޫޕަނެއްވެސް ލިބިވަޑައިގަންނަވާނެ. މި ކޫޕަންތަށް ޑޯސޭ ކެފޭގައި ޑިސްޕްލޭ ކުރެވިފައިވާނެ. މި ހަރަކާތުން ލިބޭ ފައިސާއިން އަޅުގަނޑުމެން އަޅުގަނޑުމެންގެ ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް އެހީ ޕެކޭޖްތަކައް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައި." އިޤްބާލު ވިދާޅުވިއެވެ.

ދިގު މުއްދަތަކަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މިޙަރަކާތް ޑޯސޭ ރެސްޓޯރެންޓުން ފެށި ނަމަވެސް މި ޙަރަކާތް އިތުރަށް ފުޅާކޮށް އިތުރު ކެފޭ ރެސްޓޯރެންޓް ތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް އެހީ ޖަމްޢިއްޔާއިން ބުނެއެވެ.

އެހީ ޖަމިއްޔާއިން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ 20 ފަޤީރު އާއިލާއަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.