ޚަބަރު

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ


އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި އެކަަމަނާ ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ސުޝްމާ ސްވަރާޖް ރައީސުލްޖުމްހޫރިއްޔާ އިބްރާހިީމް މުޙައްމަދު ސާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ދެޤައުމުގެ ދެމެދުގައި މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި އެކުލަވާލުމަށް ދެޤައުމުން ގަސްތުކުރާ އެއްބަސްވުންތަކާ ބެހޭގޮތުން މި ދަތުރުފުޅުގައި ސުޝްމާ ސްވަރާޖު މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.