ޚަބަރު

އޭސީސީން ކުރާ ރިޝްވަތުގެ ތުހުމަތު އަލްހާން ދޮގުކުރައްވައިފި


ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީއާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރައްވާ ރިޝްވަތުގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ޤާނޫނާ ޚިލާފަށް އަލްހާން ފަހުމީ ކުޅިވަރު މުބާރާތްތައް ބާއްވައި އެކަށީގެންނުވާ ޢަދަދުތަކުން ފައިސާގެ އިނާމްތައް ދީފައިވާކަމުގެ ތުހުމަތުގައި އޭނާވަނީ އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އަލްހާން ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ އޭނާގެ ނަމުގައި ބޭއްވި ދެމުބާރާތަކަށް ހުށަހަޅާފައިވާ ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ދެވުނު އެއްޗެއްކަމަށް ތުހުމަތުކޮށް އެކަމާ ސުވާލުކުރުމަށް ކަމަށެވެ.

އެއީ ރިޝްވަތު ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫންކަމަށާ، މުބާރާތްތައް ކުރިއަށް ގެންދިޔައީ އިޖްތިމާއީ ކަމެއްގެ ގޮތުގައި ކަމަށް އަލްހާން ވިދާޅުވިއެވެ. އެގޮތުން ދެ މުބާރާތްވެސް ބާއްވާފައި ވަނީ މުޅި މާލެއަށް ހުޅުވާލައިގެންކަމަށާ އެކަންކޮށްފައިވަނީ ހަމައެކަނި ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ދެމުބާރާތް ބޭއްވީ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން މުޅިމާލެއަށް ހުޅުވާލައިގެން. ކޮންމެހެން ކޮންސްޓިޓުއެންސީގެ ދާއިރާއަށް ހުޅުވާލައިގެންނެއް ނޫން. އޭގެ އިނާމަކީ އަޅުގަނޑު ވޯޓުހޯދަން ކުރި މަސައްކަތެއްކަމަށް ޤާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް." އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރިޝްވަތު ދިނުމުގެ ގާނޫނުގައި އެ ކުށް ހާމަކޮށްފައިވާ ގޮތަށް ބަލާއިރު އޭސީސީން އެ މައްސަލަ ގެންދާގޮތާމެދު ވަރަށްބޮޑަށް އިންކާރު ކުރައްވާކަމަށާ، އެހެންކަމުން އޭނާއާ ދެކޮޅަށް އޭސީސީން ކުރައްވާ ތުހުމަތުތައް ބަލައިނުގަނެވޭނެކަމަށް އޭސީސީއަށްދެއްވި ބަޔާނުގައި ދަންނަވާފައިވާނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމުގެ ގޮތުން މުބާރާތްތައް ބޭއްވުމަށްފަހު އެކަށީގެންނުވާ ބޮޑެތި ޢަދަދުތަކުން ފައިސާގެ އިނާމްތައް ހުށަހަޅާފައިވާކަމަށްބުނެ އަލްހާން އޭސީސީއަށް ހާޒިރުކޮށްފައިވަނީ އޭނާގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން "އަލްހާން ސްޓްރީޓް ސޮކާ ކަޕް 2019" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ރާޒުވާ މުބާރާތެއް ބާއްވާފައި ވާތީއެވެ.

އޭސީސީއަށް ހާޒިރުވުމަށް އަންގާ އަލްހާން ފަހުމީއަށް އެކޮމިޝަނުން ފޮނުވި ޗިޓް ގައި ވަނީ އޭނާ އެކޮމިޝަނަށް ޙަޒިރުވުމަށް އަންގާފައި ވަނީ ގާނޫނާ ޚިލާފަށް މުބާރާތްތައް ބާއްވައި ފައިސާގެ ބޮޑެތި އިނާމުތައް ދީފައިވާކަމަށް ބުނާ މައްސަލައެއް އޭނާއަށް ރައްދުވާތީ ކަމަށެވެ.