ތަރައްްޤީ

އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ހުޅުމާލެއަށް ކަރަންޓް ދެމުންދާނީ އަލަށް އެޅި އިންޖީނުގެއިން- ސްޓެލްކޯ


އަންނަ އޭޕަރިލްމަހުގެ ފަހުކޮޅުން ފެށިގެން މުޅި ހުޅުމާލެއަށް ކަރަންޓުދޭނީ ހުޅުމާލޭގައި އަލަށް އަޅާ ސްޓެލްކޯގެ އިންޖީނުގެއިންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެއްވެސް ދަތިކަމެއް ނެތި ކުރިއަށް އޮތް ފަސް އަހަރު ހުޅުމާލެއަށް ކަރަންޓު ދެވޭނެ ކެޕޭސިޓީ، މި އިންޖީނުގޭގައި އެބަހުރިކަމަށެވެ. ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމުކުރާ އިންޖީނުގެއަކީ 50 މެގަވޮޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެކެވެ.

ސްޓެލްކޯ ފިފްތް ޕަވަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އިންޖީނުގޭގައި ބަހައްޓާފައިވަނީ 8 މެގަވޮޓްގެ 6 އިންޖީނެވެ. މި އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި، އެއް އިންޖީނު ޓެސްޓްކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ސްޓެލްކޯއިން މިހާރު ކުރަމުންދަނީ މީގެތެރެއިން ދެވަނަ އިންޖީނު ޓެސްޓްކުރުމުގެ މަސައްކަތެވެ. އެކުންފުނިން ބުނެފައިވަނީ އިންޖީނުތައް ޓެސްޓުކުރުމުގެ މަސައްކަތުގެތެރޭގައި މިހާތަނަށް ދެފަހަރަކު ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިކަަމަށެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ ސްޕްރިންޓެންޑެންޓް އިންޖިނިއަރ އިބްރާޙިމް ރައޫފް ވިދާޅުވީ، އާ އިންޖީނުތައް ޓެސްޓުކުރަމުންދާއިރު، ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހުރި ޖަނރޭޓަރ ތައްވެސް ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާނެކަމަށެވެ. އަދި މިހާރު ބައެއްފަހަރު ހުޅުމާލެއިން ކަރަންޓު ކެނޑެނީ މިކަމުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

ރައޫފް ވިދާޅުވީ އިންޖީނުތައް ޓެސްޓްކުރަމުންދާއިރު، ދިމާވާ މައްސަލަތައް ބަލައި އެކަން ޙައްލުކުރަމުންދާކަމަށެވެ. އަދި އަންނަ އޭޕްރިލް މަހު އިންޖީނުތައް ޓެސްޓްކޮށް ނިންމައި، އެމަހުގެ ފަހުކޮޅު، އާ އިންޖީނުގެއިން މުޅި ހުޅުމާލެއަށް ކަަންޓުދޭން ފަށާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

"50 މެގަވޯޓްގެ މި ޕްރޮޖެކްޓުން ހުޅުމާލެ އެއްވަނަ ފިޔަވައްސާ ދެވަނަ ފިޔަވައްސައް، އެއްވެސް ދަތިކަމެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ އެބަހުރި. ދެވަނަ ފިޔަވައްސައްވެސް ކަރަންޓު އެޅުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށްދޭ" ރައޫފް ވިދާޅުވިއެވެ.

ހުޅުމާލޭގެ އާބާދީ ފަންސާސް ހާހަށް އިތުރުވެފައިވާއިރު، މިހާރު ހުޅުމާލޭގައި ބޭނުންކުރަނީ 13މެގަވޮޓްގެ ކަރަންޓެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ކުރިއަށްގެންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތާއިއެކު، ހުޅުމާލޭގެ އާބާދީީ އެއްލައްކައަށްވުރެ އިތުރުވާނެކަމަށް ބެލެވިފައިވާއިރު، 2021ވަނަ އަހަރު ހުޅުމާލެއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ 25 މެގަވޮޓަށް އަރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ފިފްތް ޕަވަރ ޕްރޮޖެކްޓާއެކު މުޅި ހުޅުމާލެއަށް އެއްވެސް ދަތިކަމެއް ނެތި ކަަރަންޓު ދެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ގެންދަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ މިންވަރަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ހަކަތައިގެ އިތުރު މަޝްރޫޢުތައްވެސް ހިންގުމަށް ރާވަމުންނެވެ.