ޚަބަރު

ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ ފެށުން ރަނގަޅު ކޮށްފި


އަންހެން ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް މުބާރާތް ބާއްވާ ގައުމު ނޭޕާލުން ކާމިޔާބުކޮށްފިއެވެ. ބޫޓާނާއި ވާދަކޮށް ނޭޕާލް މެޗު ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ.

މި ދެޓީމުގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ބަންގްލަދޭޝް. މި މޮޅާއެކު ތިން ފަހަރު ރަނަރަޕް ހޯދާފައިވާ ނޭޕާލަށް ވަނީ ސެމީގެ ފުރުސަތު ބޮޑުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ނޭޕާލަށް ޖަހައިދިނީ މަންޖަލީ ކުމާރީ ޔޯހަންއެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް ސަބިތުރާ ބާންދަރީއެވެ. ނޭޕާލްގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ނީރޫ ތަޕާއެވެ.

2010ވަނަ އަހަރު ފެށި މި މުބާރާތް ޗެމްޕިއަންކަން މިހާތަނަށް ބޭއްވި ހަތަރު ފަހަރުވެސް ހޯދާފައިވަނީ އިންޑިއާއެވެ. މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި އިންޑިއާއެވެ. އިންޑިއާ އާއި ރާއްޖޭގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ސްރީލަންކާއެވެ.