ވިޔަފާރި

އެއް މިލިއަން ރުފިޔާގެ އިނާމާއެކު އެސް.ޓީ.އޯ ރަމަޒާން ބާޒާރު ފަށައިފި


އެއް މިލިއަން ރުފިޔާގެ އަގުހުރި އިނާމުތަކަކާއެކު އެސް.ޓީ.އޯގެ އަހަރީ ރަމަޒާން ބާޒާރު ފަށައިފިއެވެ.

މިމަހުގެ 10 އަކުން މެއި 16 އަށް ކުރިއަށްދާ މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވާދެއްވީ އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް އެސް.ޓީ.އޯއިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޚާއްސަ ޑިސްކައުންޓުތަކަކާއި އިނާމުތަކެއްހުރެއެވެ. އެސްޓީއޯގެ މިއަހަރުގެ ރަމަޒާން ބާޒާރުގައި އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމެންޓާއި އަތޮޅުތަކުގައި ހުރި އެސް.ޓީ.އޯގެ ހުރިހާ ފިހާރަތަކުން ހެޔޮ އަގެއްގައި މުދާ ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސް.ޓީ.އޯއިން ބުނީ ޕްރޮމޯޝަންގެ ތެރެއިން 500 ރުފިޔާއަށް ވުރެ މަތީގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެކަމަށާއި ޕްރޮމޯޝަން ނިންމާލުމަށްފަހު މި ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 80 ހާސް ރުފިޔާގެ އިނާމެއް ލިބޭނެކަމަށެވެ. އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް 40 ހާސް ރުފިޔާގެ އިނާމު އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 20 ހާސް ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

ފައިސާގެ އިނާމުގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ހާއްސަ ޑިސްކައުންޓުތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން އެސް.ޓީ.އޯގެ ހުރިހާ މުދަލަކުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބިގެންދާއިރު ހިޓާޗީ ބްރޭންޑްގެ މެޝިނާއި ރެފްރިޖިރޭޓަރ ފަދަ ސާމާނުތައް އެސްޓިއޯއިން ހިލޭ ޑެލިވަރކޮށްދޭނެކަމަށްވެސް އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމެންޓްއިން ބުނެއެވެ. މީގެ އިތުރުން އެސްޓީއޯއިން ގަންނަ ހިޓާޗީ ބްރޭންޑްގެ އޭސީ، ހިލޭ އިންސްޓޯލްކޮށްދިނުންވެސް މިޕްރޮމޯޝަންގެ ތެރެއިން ކުރިއަށްދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސް.ޓީ.އޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ގުޅުވައިގެން އާންމުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމަށް އެސް.ޓީ.އޯއިން ކޮންމެ ކުރިއަށްގެންދާ ޕްރޮމޯޝަންއެކެވެ.