ތަރައްްޤީ

އާރޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރަނީ


މާލޭ އާރޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތޮއްޖެހިފައިވާ މާލޭގެ ބައިބޯކަމުން ދުރުވެ، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ކޮންސެޕްޓަކަށް ތަރައްޤީކޮށްފައިވާ އެންމެ ދުވަސްވީ އެއް ތަނަކީ އާރޓިފިޝަލް ބީޗު ސަރަޙައްދެވެ. އާއިލާއާއެކު ވަގުތު ހޭދަކޮށްލުމުގެ އިތުރުން މޫދަށް އެރުމުގެ އިންތިޒާމާއެކު ތަރައްޤީކޮށްފައިވާ މި ސަރަޙައްދު އެންމެ އެދެވޭގޮތެއްގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުން، އެތަނުގެ އަސްލުގެއްލި، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިކަންކަން ރަނގަޅުކޮށް، އާރޓިފިޝަލް ބީޗު ސަރަހައްދު އަލުން ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެތަން ރީ-ޑިވެލޮޕްކުރާނެގޮތުގެ ޕްލޭން އެކުލަވާލާ، އެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، އާރޓިފިޝަލް ބީޗު އަލުން ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުގެ މައިގަނޑު ވިސްނުންހުރީ އުސް އިމަރާތްތަކެއް އެޅުމުގެ ބަދަލުގައި، ހުސްޖާގަ ބޮޑުވާނޭހެން ޖަޒީރާވަންތަ ކޮންސެޕްޓަކަށް ކަމަށެވެ. އަދި މޫދަށް އެރުމަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވެރުމުގެ އިންތިޒާމާއި، ފާޚަނާ އަދި ޗޭޖިންގ ރޫމުތަކާއި، ކުޑަކުދިން ކުޅެންބޭނުންވާފަދަ ވަސީލަތްތައް އެތަނުގައި ޤާއިމުކުރެވިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"ކަސްރަތުކުރެވޭނެ ޖިމާއި، ބޭބީކެއަރއަށް ޙާއްސަ 2 ހޯލަކާއި، ޖޭޖިންގ ރޫމްތައްވެސް އެތަން ނިމޭއިރު ފެސިލިޓޭޓްކޮށްދެވޭނެ. އަދި އަންހެނުންނާއި ފިރިހެންނުންނަށް ވަކިން ފާޚަނާއާއި ފެންވެރޭނެ އިންތިޒާމްވެސް ހަމަޖެހި، އޭގެ ކުރެހުންތައް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިހާރުވަނީ ވަރަށް ފުރިހަމަށްއަށް ނިންމާފައި،" ޝިފާ ވިދާޅުވިއެވެ.

އަރޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރުމަށް ނިންމާފައިވާއިރު، އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ވެހިކަލްތައް ވީހާވެސް އަވަހަކަށް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ވެހިކަލްތައް ޕާކުނުކުރެވޭނޭހެން އެ ސަރަހައްދު ވަރަށް އަވަހަށް ބަންދުކުރާނެކަމަށެވެ. އަދި އެތަނުގައި ހުރި ވެހިކަލްތައް ވަގުތީގޮތުން ޕާކުކުރެވޭނެ 2 ސަރަޙައްދެއް ކައުންސިލުން ހަމަޖައްސައި ދޭނެކަމަށްވެސް ސިފާ ވިދާޅުވިއެވެ.

"ހަފްތާއެއްގެ ތެރޭގައި އެތާހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އަޅުގަނޑުމެން ފަށާނަން.. އެތަނުން ވެހިކަލްތައް ނަގާއިރު، އެތަކެތި މަގުމައްޗަށް ނުނިކުންނާނޭހެން އެކަން ކުރުމަށް ސަމާލުކަންދޭންޖެހޭ.. ވެހިކަލްތަކަކީވެސް ގަރާޖެއް ދައްކައިގެން ރާއްޖެ އެތެރެކުރާ އެއްޗެއް.. އެގޮތަށް މަގުމަތީ އެތަކެއްޗެއް އަސްލު ހުންނާކަށް ނުޖެހޭނެ.. މިހެން ދެންނެވިޔަސް ހުސްކޮށް އޮތް 2 ތަނެއް އަޅުގަނޑުމެން ދައްކާނަން ބައެއް ވެހިކަލްތައް ބަހައްޓާލަން ވަގުތީގޮތުން.. އެކަމު އެއީ ދާއިމީ ތަންތަނެއްވެސް ނޫން،" ޝިފާ ވިދާޅުވިއެވެ.

އަރޓިފިޝަލް ބީޗު އަލުން ތަރައްޤީކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދަކީ މާލޭ ރިންގްރޯޑާއި އިންވެގެން އޮތް ސަރަޙައްދެއްކަމުން، އެތަނަށް ގޮސްއުޅޭ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އަރޓިފިޝަލް ބީޗު މިހާރު އޮތްގޮތަށް ބަދަލުތަކެއް ގެންނާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.