ވިޔަފާރި

ޕެންޝަން އޮފީހުގެ ޗެއަރޕާރސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވަނީ 18 ފެބްރުއަރީގައި އެކުންފުނީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވުމުންކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ޕެންޝަން ބޯޑުގެ ޗެއަރޕާސަން މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ހާއި ހަމައަށް ހުޅުވާލާފައިވާއިރު، މި މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ ނަންތައް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ފާސްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިންނެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއި މާލީ، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވުން ހިމެނެއެވެ.

ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލިބިފައިވާ ފަންނީ ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތަކާއި މިމަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ފުރުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުމަށް އެކުންފުނިން ބުނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓެރޭޝަން އޮފީސް ހިންގަމުންދަނީ 8 މެމްބަރުން ހިމެނޭ ބޯޑަކުންނެވެ. އެ މެމްބަރުންނަކީ ބޯޑުގެ ޗެއަރޕާރސަނާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރެކެވެ.