ސިޔާސީ

އިމްޕޯޓް ޑިއުޓީއަށް ބަދަލުތައް ގެެނެވޭނީ މަޖިލީހުން ފާސްވެގެން-


އަންނަ މަހުން ފެށިގެން ސައިކަލުން ނަގަން ނިންމާފައިވާ ޑިއުޓީ ކުޑަކޮށް، ފޭރާމުން ނަގާ ޑިއުޓީ މަޢާފް ކުރާނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ބާރުގެ ދަށުން އެގޮތަށް ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއާއި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޑިއުޓީއަށް ބަދަލުގެނެވޭނެ ދެގޮތެއް އެބައޮތްކަމަށެވެ. އެންމެ ފުރަތަމަ އަދި އެންމެ އަވަސް ގޮތަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ޑިއުޓީ ކުޑަކުރުމަށްފަހު މަޖިލީހަށް ފޮނުވައިގެން ފާސްކުރުންކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އެއްބާރުލުންދީ ވަރަށް އަވަހަށް ފާސްކުރެވޭނެކަމަށް ވިދާޅުވިއެވެ.ނިހާން ވިދާޅުވީ، މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ، މަޖިލީހަށް ފޮނުވައިގެން އެދިރާސާކޮށް މަޖިލީހުން ފާސްކުރުންކަމަށެވެ.މީގެ އިތުރުންވެސް ޑިއުޓީ ރިވިއުކުރަންޖެހޭ ބައެއް ތަކެތީގެ ތެރޭގައި، މަސްވެރިންގެ އޮޑި ދޯނިފަހަރަށް ބޭނުންވާ އިންޖީންފަދަ ތަކެއްޗާއި، ލަގްޒަރީ ޔޮޓްފަދަ ތަކެތި ހިމެނޭކަމަށެވެ. އެހެންކަމުން ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރުމަށްޓަކައި އިކޮނޮމިކް ކައުންސިލާއި، ސަރުކާރުގެ މިނިސްޓްރީތަކާއި މަޝްވަރާކުރަމުން އަންނަކަމަށް ނިހާން ވިދާޅުވިއެވެ.އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، ސައިކަލާއި ފޭރާމަކީ، އަސާސީ ތަކެތިކަމަށްބަލާ، ސައިކަލުން ނަގަން ނިންމާފައިވާ ސަތޭކަ ފަންސާސް އިންސައްތައިގެ ޑިއުޓީ އެންމެ އެކަށީގެންވާ މިންވަރަކަށް ކުޑަކޮށް، ފޭރާމުން ނަގަން ނިންމި ޑިއުޓީ، ނުނަގަން ނިންމާފައިވާކަމަށެވެ. އަދި ސައިކަލުން ޑިއުޓީ ނަގާނެ މިންވަރު ހަފްތާއެއްގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.ޑިއުޓީ ނަގައިގެން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ޑިއުޓީ އަށް ގެންނަން ނިންމި ބަދަލުގެ ސަބަބުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފަށާފައިވާ ޕްރޮޖެކްޓަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.