ޚަބަރު

މާބަނޑު މީހާ ބަލިވުމުން މުސާރައާއެކު 28 ދުވަހުގެ ޗުއްޓީއެއް


ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މާބަނޑު އަންހެނުން ބަލިވެގެން ހުށަހަޅައިފިނަމަ މުސާރައާއެކު 28 ދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށްހަމަޖައްސައި، ވިހެއުމުން ހަ މަސް ދުވަހަށް މެޓާނިޓީ ލީވްގެ ގޮތުގައިދޭ ޗުއްޓީއާ ބެހޭ ޤަވާޢިދު އިސްލާހުކޮށްފިއެވެ.

މެޓާނިޓީ ލީވާއި ގުޅޭ ޗުއްޓީއާ ބެހޭ ޤަވާއިދުގައި ވަނީ މާބަނޑު މުވައްޒަފަކު މާބަނޑު ދުވަސްވަރު ބަލިވެއްޖެނަމަ ނުވަތަ ވަޒީފާއަށް ނުކުތުމަށް ސިއްޙީ ޙާލަތު ތަންނުދޭނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމެނޭހެން މުސާރަ ލިބޭގޮތަށް 28 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ. އަދި އެޗުއްޓީގެ ދުވަސްތައް ވިހެއުމުން ދޭ ހަމަސް ދުވަހުގެ ޗުއްޓީގެ ގޮތުގައި ނުހިމަނާނެ ކަމަށްވެސް އެޤަވާއިދުގައިވެއެވެ.

މި ގަވައިދުގައި ބުނެފައި ވަނީ މާބަނޑު އަންހެނާ ބަލިވެގެން ހުށަހަޅައިފިނަމަ 28 ދުވަހުގެ ޗުއްޓީއެއް މުސާރައާއެކު ހަމަޖެހޭނީ ރަޖިސްޓްރީކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ ތަނަކުން ނުވަތަ އެފަދަ ޚިދުމަތްދޭ މަސައްކަތްތެރިއަކު އެމީހަކު ބަލިވެ އިނުމުގެ ސަބަބުން އޮފީހަށް ނުނިކުމެވޭނެކަމަށް ބުނެ ދޫކޮށްފައިވާ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަމަސް ދުވަހުގެ ޗުއްޓީ ދިނުމާގުޅޭ ޤަވާޢިދު މާބަނޑު އަންހެނާ ބަލިވެގެން ހުށަހަޅައިފިނަމަ 28 ދުވަހުގެ ޗުއްޓީއެއް މުސާރައާއެކު ދޭގޮތަށް ނިންމިނަމަވެސް މާބަނޑުވާތާ ކުރީކޮޅު ބަލިވެގެން ހުށަހަޅައިފިނަމަ ޗުއްޓީ ދިނަސް މުސާރައެއް ނުލިބެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމުން މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް ދުވަހުގެ ޗުއްޓީ ދޭން ނިންމާފައިވާކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެއަތޮޅު މާފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއާއެކު ސަރުކާރުގެ ބައެއް ވުޒާރާތަކާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުން މިހާރުވަނީ މިއުސޫލަށް ޢަމަލުކުރަން ފަށާފައެވެ.