ޚަބަރު

ކުނި އުކުމަށް އަދިވެސް 10،000ގެ ރަޖިސްޓްރީ ނުކުރޭ - ވެމްކޯ


ކުނި އުކުމަށް ވެމްކޯގައި ރެޖިސްޓްރީ ނުކޮށް، 10،000އަށްވުރެ ގިނަ ގޭބިސީ އަދިވެސް މާލޭގައި އެބަހުރިކަމަށް ވެމްކޯއިން ބުނެފިއެވެ.

މާލޭގެ ކުނި އުކުމުގެ މަސައްކަތްކުރުމުގެ 100 ޕަސެންޓު ކޮންޓްރޯލް ވެމްކޯއަށް ދީފައިވާއިރު، އެމަސައްކަތުގައި މިހާތަނަށް ހުރި މައްސަަލަތައް ދެނެގަތުމަށް ވެމްކޯއިން މިވަނީ ސަރވޭއެއްް ފަށާފައެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ އެ ސަރވޭ ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ރަޖިސްޓްރީ ނުކޮށް ހުރި ގެތައް ދެނެގަނެ ރަޖިސްޓްރީ ކުރުވުމާއި، ވެމްކޯއަށް ފީނުދައްކާ މައްސަލަ ޙައްލުކުރުން ކަމަށެވެ. އެ ސަރވޭ މެދުވެރިކޮށް ވެމްކޯގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތް ކުރާނެއެވެ.

އާދަމް މުޙައްމަދުު ވިދާޅުވީ މާލޭގައި 30،000 ގޭބިސީ ހުރިއިރު، އޭގެތެރެއިން ވެމްކޯގައި ރަޖިސްޓްރީކޮށްފައި ވަނީ 20،000 ގެކަމަށެވެ. އަދި ކޮމަރޝަލް ތަންތަނުގެ ގޮތުގައި 11،000 ތަން ހުރިއިރު، ވެމްކޯގައި ރެޖިސްޓްރީކޮށް ކުނި އުކަމުންދަނީ 1500 ތަނުން ކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ސަރވޭ މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ ތަންތަނާއި، އެތަންތަނުން ކުނި އުކަމުންދާ ގޮތް ދެނެގަނެ، އެކަން ޙައްލުކުރާނެކަމަށެވެ.

"ރެޖިސްޓްރީ ކޮށްފައިވާ ގެތަކުގެ 60އިންސައްތަ މީހުން ގަވައިދުން ފީނުދައްކަ. މިކަމުން ބޮޑެތި މާލީ ގޮންޖެހުންތައްކުންފުންޏަށް ކުރިމަތިވޭ. އަދި ޚިދުމަތައްވެސް ބުރުއަރާ." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވިއެވެ.

ވެމްކޯއިން ކުރިއަށް ގެންދާ ސަރވޭ ކުރިއަށްގެންދަނީ 10 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ސަރވޭ ފުރަތަމަ ފަށާފައިވަނީ ހެންވޭރުގައެވެ. ސަރވޭއާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ބިސްނަސް ޑެވެލޮޕްމަންޓް މެނޭޖަރ އިސްމާއިލް އުބައިދު ވިދާޅުވީ ސަރވޭ ކުރިއަށްގެންދާނީ ވެމްކޯގެ މުއައްޒަފުން މެދުވެރިކޮށް ކަމަށެވެ. އަދި ސަރވޭ ކުރިއަށްގެންދާ ވަގުތު، ގެތަކަށްދާ މުވައްޒަފުން މެދުވެރިކޮށް ފައިސާ ނަގަމުން ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވެމްކޯ މުއައްޒަފުން ގޭގެ ދޮރުމަތިން ޕޭމަންޓް ނުނަގާނެ. ސަރވޭ ކުރިއަށްދާ ވަގުތު ފަސޭހަކުރުމަށް، ކުރީގެ ހެންވޭރު ޔޫތް ސެންޓަރު ހުރި ތަނުން، ރެޖިސްޓްރީ ކުރުމާއި ފީ ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެ،" އުބައިދް ވިދާޅުވިއެވެ.

ވެމްކޯއިން ކުރިއަށް ގެންދާ ސަރވޭ ކުރިއަށްގެންދާނީ ކޮންމެ ދުވަހެއްގެ މެންދުރު ދޭކުން ރޭގަނޑު ނުވަޔަކަށެވެ. ސަރވޭ އެއްކޮށް ނިންމާލެވޭނެކަމަށް ވެމްކޯއިން ބުނެފައިވަނީ ހަމަސް ދުވަހުގެ ތެރޭގައެެވެ. ސަރވޭ ނިމުމާއި އެކު މައްސަލަތައް ދަނެގަނެ، އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގައި ރެޖިސްޓްރީކޮށް، ގޭގެއިން ކުނި އުކުމުގެ ޚިދުމަތް ފަށާފައިވަނީ 2017ވަނަ އަހަރު ފަހުކޮޅުއެވެ. ނަމަވެސް އާއްމުންގެ އެއްބާރުލުން މިކަމުގައި ކުޑަވުމުގެ ސަަބަބުން، އެ މަސައްކަތް އަދިވެސް އެންމެ ފުރިހަމައަށް ދިނުމުގައި ދަތިތައް ހުރިކަން ވެމްކޯއިން ފާހަގަކުރެއެވެ.