ޚަބަރު

މިމަހުގެ 28ގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރަނީ


މި މަހުގެ 28ވަނަ ދުވަހުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ކަރަންޓުގެ އަގު ހެޔޮކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމާއި ގުޅޭ މަޝްވަރާތަކާއި ސަރވޭތައް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން ކަރަންޓުގެ އަގު ހެޔޮކުުރުމަށް އެކުލަވާލި ފައިނަލް ޑްރާފްޓް މިއަދު ރައީސް އޮފީހަށް ފޮނުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކަމާގުޅޭ ހުރިހާ އިދާރާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި، މިނިސްޓްރީ އޮފް އެންވާރަމެންޓާއި، ސްޓެލްކޯ، ފެންކަ އަދި އެމްޑަބްލިއުއެސްސީން ވަނީ މި މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

ކަރަންޓުގެ އަގު ކުޑަކުރުމަށް ކަނޑައަޅާފައިވަ މިންވަރެއް އަދި މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ. އަޙްމަދް އަލީ ވިދާޅުވީ މިނިސްޓްރީއިން އެކުލަވާލި ޑްރާފްޓް، ރައީސަށް ހުށަހަޅާ އަގުތައް ފައިނަލް ކުރުމަށްފަހު، ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި އަގުތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ބޭނުންކުރަން ފެށުމުން އެބަ އިނގޭ، ކަރަންޓުގެ އަގު ކުޑަކުރެވިދާނެކަން. 100ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރާނެ،" އަޙްމަދު އަލީ ވިދާޅުވިއެވެ.

ކަރަންޓަކީ އެންމެ އަސާސީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެއް ޚިދުމަތެވެ. ކަރަންޓުގެ ޚިދުމަތް ހޯދުމަށް އާއްމު ރައްޔިތުން މިހާރުވެސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު ކަރަންޓު ޓެރިފް ރޭޓްތައް ކުޑަކޮށް، ކަރަންޓަށް ޢާއްމުންގެ އަތުން ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޔޫޓިލިޓީ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވާ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100ދުވަސް ހަމަވަނީ މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށެވެ.


އެންމެ ފަހުން ކަރަންޓު އަގުހެޔޮކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެގޮތުން މާލޭއާއި އަތޮޅުތަކުގެ ކަރަންޓް ޓެރިފްތައް އެއްވަރުކޮށް، އަގުތައް ވަނީ ކުޑަކޮށްފައެވެ.