ވިޔަފާރި

ސައިކަލުން ނަގާ ޑިއުޓީ ކުޑަކޮށް ފޭރާމުން ނަގާ ޑިއުޓީ މާފުކުރަނީ


އަންނަ މަހުން ފެށިގެން ސައިކަލުން ނަގަން ނިންމާފައިވާ ޑިއުޓީ ކުޑަކޮށް، ފޭރާމުން ނަގާ ޑިއުޓީ މާފް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.އިކޮނޮމިކް ކައުންސިލްގެ މެންބަރު އަދި އިކޮމޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި އެކު ޕީޕީއެންގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ބައްދަލުވުމަށް ފަހު، ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، އަންނަ މަހު ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާ ބައެއް ތަކެތިން، ޑިއުޓީ ބޮޑުކުރާ މިންވަރު ރިވިއުކުރަން ނިންމާފައިވަ ކަމަށާއި، އެ ބަދަލުތައް އަންނަ މަހުގެ އެކެއްގެ ކުރިން ގެންނާނެ ކަމަށެވެ.އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ  ސައިކަލާއި ފޭރާމަކީ، އަސާސީ ތަކެތިކަމަށްބަލައި، ސައިކަލުން ނަގަން ނިންމާފައިވާ 150 ޕަސެންޓުގެ ޑިއުޓީ އެންމެ އެކަށީގެންވާ މިންވަރަކަށް ކުޑަކޮށް، ފޭރާމުން ނަގަން ނިންމި ޑިއުޓީ، ނުނަގަން ނިންމާފައިވާކަމަށެވެ. އަދި ސައިކަލުން ޑިއުޓީ ނަގާނެ ވަރެއް ހަފްތާއެއްގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ޑިއުޓީ ނަގައިގެން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ޑިއުޓީ އަށް ގެންނަން ނިންމި ބަދަލުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފަށާފައިވާ ޕްރޮޖެކްޓަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.