ޚަބަރު

އޭބީޔޫ ޑާންސް ފެސްޓިވަލްގައި ރަސްރަނި ގްރޫޕުން ރާއްޖެ ތަމްސީލުކޮށްފި


އިންޑިޔާގެ ނިއުދިއްލީގައި ކުރިއަށްދާ އޭބީޔޫ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލްގައި ދިވެހި ޑާންސް ގްރޫޕް، ރަސްރަނި ގްރޫޕުން ރާއްޖެ ތަމްސީލުކޮށްފިއެވެ.

ރަސްރަނި ގްރޫޕް މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ، މީގެ ދެމަސްކުރިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމްއިން) ކުރިއަށްގެންދިޔަ އޮޑިޝަނަކުންނެވެ.

އިންޑިޔާގެ ނިއު ދިއްލީގައި ކުރިއަށްގެންދިޔަ ދެވަނަ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އެއް ޤައުމު އަނެއް ޤައުމުގެ މެދުގައި ހުރި ތަފާތުތަކާއި ޤައުމުތަކުގެ އާދަކާދާއާއި ސަޤާފީ ކަންކަން އެއް ޤަޢުމު އަނެއް ޤައުމަށް އަންގައިދީ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.

އޭބީޔޫގައި ޑާންސް ފެސްޓިވަލްގައި ރާއްޖޭގެ 6 ފަންނާނުން ހިމެނޭހެން ރާއްޖެ ތަމްސީލުކޮށްފައިވަނީ، ދިވެހި ޑާންސް ގްރޫޕެއް ކަމަށްވާ، ރަސްރަނި ގްރޫޕުންނެވެ. ދިވެހި ފަންނާނުންގެ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ތާރީޚާއި އާދަކާދައާއި ޘަޤާފަތާއި ދިވެހިވަންތަކަން ދައްކުވައިދިން އައިޓަމެކެވެ. "ވަގުތު ފާލަން މަތީ" ލަވައަށް ހުށަހަޅާދީފައިވާ މި ލަވައިގައި ދިވެހި ނެށުންތެރިންވަނީ ދިވެހި މަލާފަތް ބޭނުންކޮށްގެން ދިވެހިންގެ ވައްޓަފާޅި ވަނީ ދައްކުވައިދީފައެވެ.

އޭބީޔޫގެ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލްގެ ތެރެއިން ވާހަކަދައްކަވަމުން، އޭބީޔޫގެ ސެކެޓްރީޖެނެރަލް ޑރ. ޖާވީދް މުތާޤީ ވިދާޅުވީ، ނެށުމަކީ ދުނިޔޭގެ ޤައުމުތަށް ގުޅުވައިދޭ "ޔުނިވަރސަލް ލޭންގުއޭޖެއް" ކަމަށެވެ. އެގޮތުން ނެށުމުގެ ޒަރިއްޔާއިން ޕާސްޕޯޓަކާއި ނުލާ ދުނިޔޭގެ ބޯޑަރުތަށް ގުޅުވައިދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޭބީޔޫ އިންޓަނޭޝަނަލްގެ ފެސްޓިވަލްތަކަކީއޭބީޔޫގެ ޤައިމުތަކުގެ ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް. އެގޮތުން ނެށުމުގެ ޒަރިއްޔާއިން ޕާސްޕޯޓަކާއި ނުލާ ދުނިޔޭގެ ބޯޑަރުތަށް ގުޅުވައިދޭ. އަޅުގަނޑުގެ އުންމީދަކީ މިފަދަ ފެސްޓިވަލްތަށް ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދިއުމަކީ އަޅުގަނޑުގެ އުންމީދު،" މުތާޤީ ވިދާޅުވިއެވެ.

އިންޑިއާގެ ނިއުދެއްލީގެ ތާޖް ހޮޓެލްގައި ކުރިއަށްދިޔަ އެ ފެސްޓިވަލްގައި ރާއްޖެ ހިމެނޭގޮތަށް 9 ޤަޢުމަކުން އައިޓަމްތައް ވަނީ ހުށަހަޅައިދީފައެވެ. އޭގެތެރޭގައި އިންޑިއާއާ އަފްޣާނިސްތާނާއި އަޒަރްބައިޖާނާއި، ފިޖީއާ، ފިލިޕީންސްއާ އުޒްބެކިސްތާން، އަދި އިންޑޮނޭޝިއާ، މެލޭޝިޔާ ހިމެނެއެވެ. އެޤަޢުމުތަކުންވެސް ހުށަހަޅާފައިވަނީ އެޤައުމުތަކުގެ ސަގާފަތް ދައްކުވައިދޭ އައިޓަމްތަކެކެވެ.

އޭބީޔޫ އިން ދަނީ މެންބަރު ޤައުމުތަކުގެ ލަވަކިޔުމާއި އެކި ފަންނުގެ ހުނަރު ދައްކުވައިދިނުމަށްވެސް ފެސްޓިވަލްތައް ބާއްވަމުންނެވެ.