ތިމާވެށި

ވެމްކޯއިން މާލޭގައި ފުރަތަމަ ފަހަރަށް "މާކެޓް ސަރވޭ"އެއް ހަދަނީ


މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ މަޢުލޫމާތު އެއްކުރުމަށްޓަކައި "މާކެޓް ސާރވޭ"އެއް ހެދުމަށް ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯއިން) ނިންމައިފިއެވެ.

ވެމްކޯއިން ބުނީ މާދަމާއިން ފެށިގެން ވިޔަފާރިތަކުގެ "މާކެޓް ސާރވޭ" އެއް ހިންގުމަށް ނިންމާފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ އެފަދަ ފަރާތްތަކުގެ އިތުރުން އަލަށް އުފައްދާފައިވާ ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްޞީލީ މަޢުލޫމާތު އެއްކުރުމަށްޓަކައި ކަމަށެވެ. އެ ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން މާދަމާ އެންމެ ފުރަތަމަ ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި ރޯޝަނީމަގު ގުޅޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި އަސްރަފީމަގު ހިމެނޭ ސަރަޙައްދުގެ ގޭބިސީތަކައި ވިޔަފާރިތަކެވެ.

ވެމްކޯއިން މީގެ ކުރިން 2017 ވަނަ އަހަރު ވަނީ ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ކުރިން ޢާއްމުންގެ ޚިޔާލު ހޯދުމަށްވެސް "މާކެޓް ސާރވޭ"އެއް ކުރިއަށް ގެންގޮސްފައެވެ. މިއީ މާލޭގައި މާކެޓް ސަރވޭއެއް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.