ސިޔާސީ

އަމަން ޤާއިމް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް


ރާއްޖޭގައި މިހާރު އުފެދިފައި އޮތް ކުށްކުރުމުގެ މާހައުލު ރަނގަޅު ކޮށް އަމަން ގާއިމް ކުރެވޭނެ ދިމާއަކަށް ސަރުކާރުން މިސްރާބު ޖަހާފައިވަނީ، އަމަން ގާއިމް ކުރެވޭނެ މަގު ރަނގަޅަށް އެނގިގެން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުށްތައް އިތުރުވެ އަމާންކަން ގެއްލުމަކީ ކުއްލިއަކަށް ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި، އެ ކަންކަން ރަނގަޅުކޮށް އަމަން ގާއިމް ކުރުމަށް ފުލުހުންގެ ސްޓްރެޓެޖީ އަށް ގެންނަންޖެހޭ ބަދަލްތައް ގެންނަމުންދާކަމަށެވެ. އަދި އެ ބަދަލުތަކާއއެކު ކުށް ކުރުން މަދުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ކޮންމެ ދުވަހަކީވެސް ފާޑު ކިޔުތައް އަމާޒުވާ ދުވަހެއް ކަމަށާއި، މީހެއްގެ ފުރާނަ މަގުމައްޗަށް ދުއްވާލާ ކޮންމެ ވަގުތަކީ ހިތާމަވެރި ވަގުތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ފަރުދީ މިނިވަންކަމާއި، އަސާސީ ހައްގުތަކުގައި އަތްނާޅާ އަމާންކަން ގާއިމް ކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ޑިމެކްރެސީ އައީ  ހަމައެކަނި ފޮނި މީރު ކަމެއްގެ ގޮތުގައި ނޫން ކަމަށާއި، އޭގެ ނުބައި ފަރާތްވެސް އައި ކަމަށެވެ.ކުށްކުރުން އިތުރުވުމަކީ އޭގެ ސަބަބުން އައި ބޮޑު ރާޅެއް ކަމަށާއި، ތަރައްގީވެފައިވާ ގައުމުތަކަށްވެސް ޑިމޮކްރެސީއެއް އަންނައިރު، ކުށްކުރުމުގެ މާހައުލަށް މިހާރު ރާއްޖޭގައި އައިސްފައި އޮތްފަދަ ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މިއަދު ބިންގާ އެޅި އިމާރާތްނިމި އެތަނުން ޚިދުމަތްދޭން ފެށުމުން، ހުޅުމާލޭގައި އިތުރުވަމުންދާ ކުށްތައް މަދުކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިއަދު ބިންގާއެޅި އިމާރާތުގެ މަސައްކަތް  ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާ އެއްހަރުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ. އަލަށް އަޅާ އެ އިމާރާތުގައި، ތަފާތު ކުށްތަކުގައި ގެންދާ ކުށްވެރިން ބެހެއްޓުމަށް ޚާއްސަ ޔުނިޓްތަކެއްވެސް ތައްޔާރުކުރެވޭނެއެވެ.