ޚަބަރު

އެމްޑަބްލިއުއެސްސީގެ ލެބޯޓަރީ އައިއެސްއޯ ސެޓިފައި ލެބޯޓަރީއަކަށް


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީގެ ފެން ތަހުލީލުކުރާ ލެބޯޓަރީ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ ސްޓޭންޑަޑައިޒޭޝަން އައިއެސްއޯ ފެންވަރުގައި ސެޓިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.އެމްޑަބްލިއު އެސްސީން ބުނީ އެކުންފުނީގެ ލެބޯޓެރީ އެކްރެޑިޓްކޮށްފައިވަނީ ދުބާއީގެ އެކްރެޑިޓޭޝަން ސެންޓަރުންކަމަށެވެ.މިކަމަށްޓަކައި އިއްޔެ އެމްޑަބްލިއުއެސްސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔރަމަންޓް މިނިސްޓަރ އިބްރާހިމް ތޯރިގް ވިދާޅުވީ މީ އެމްޑަބްލިއުއެސްސީގެ ވޭތުވެދިޔަ 19 އަހަރު ދުވަހުގެ ތާރީހުގައިވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، މީ ކުންފުނީގެ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ. އަދި ކުންފުނިން ކުރައްވާ ހުރިހާ މަސައްކަތެއްވެސް އެއްސްޓޭންޑަޑެެއްގައި ހިފައްޓާ މަސައްކަތް ކުރުމަށް މިނިސްޓަރ އެދިލެއްވިއެވެ.އެމްޑަބްލިއުއެސްސީއަކީ މިހާރު ރާއްޖޭގައި އެންވަޔަރމަންޓަލް ޓެސްޓިންގެ ދާއިރާއިން އައިއެސްއޯގެ ބައިނަލްއަޤްވާމީ ސެޓްފިކެޓް ލިބިފައިވާ އެންމެ ފުރަތަމަ ލެބޯޓަރީ ހިންގާ ކުންފުންޏެވެ. އަދި މިއާއެކު އެންކުންފުނީގެ ލެބޯޓަރީއަށް ރިސޯޓްތައް ހިންގުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ފެނުގެ ޓެސްްޓްތައް ހެދުމުގެ ޤާބިލްކަން ވަނީ ލިބިފައެވެ.