ސިޔާސީ

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ނުކުރުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަން އެގޮތަށް ނިންމެވީ އެމަނިކުފާނު  އަމިއްލަ ފުޅަށް ކަމަށެވެ.އެ ބަޔާނުގައި ވާގޮތުން ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމެވީ، އެމަނިކުފާނުގެ ޝަރީއަތް ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީކަމަށެވެ.ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ފުރިހަމަ ގޮތުގައި ކޮންމެވެސް ދުވަހަކުން ލިބިވަޑައިގަންނަވާނެ ކަމަށާއި، އެ ރިޕޯޓު ލިބިވަޑައިގަތުމުން ކުށުގެ ތުޙުމަތުން އެމަނިކުފާނު ބަރީއަވާނެކަމަށް ރައީސް ނަޝީދު ދެކެވަޑައި ގަންނަވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލަ ބިނާވާނީ، ދަށު ކޯޓުގެ ޝަރީޢަތުގެ މަރުހަލާގައި ދެކެވުނު އެންމެހައި ވާހަކަތަކާއި، ޝަރީޢަތުގެ އިޖުރާތާއި، ހުށަހެޅުނު ހެކިތަކާއި، ޤަރީނާތަކުގެ ސައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށްކަމަށާއި، އެރިޕޯޓު ލިބުމާއި، އެރިޕޯޓު ލިބުމަށްފަހު، ރިޕޯޓު ދިރާސާކުރުމަށްޓަކައި އިސްތިއުނާފީ ނުކުތާތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންނަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބެނީ، އިސްތިއުނާފަށް ހުށަހަޅާ ނުކުތާތަކުގެ އިންތަކުގެ ތެރެއިން ކަމަށާއި އެހެންނަމަވެސް އިސްތިއުނާފަށް ހުށަހަޅާއިރު، ހިމެނިފައިނުވާ ނުކުތާތައް ހައިކޯޓުގައި ފާހަގައެއްނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.ރައީސް ނަޝީދު ގެ އޮފީހުން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ނަޝީދުގެ ގާނޫނީ ޓީމަށް މި މައްސަލައިގެ ހުލާސާ ރިޕޯޓް ހަވާލު ކޮށްފައެވެ.ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ހަވާލުކުރެވިފައިނުވަނީ އެރިޕޯޓްގައި ރައީސް ނަޝީދު ސޮއިކުރައްވަން ދެކޮޅު ހައްދަވާތީކަމަށް ކޯޓުން ބުނެފައިވެއެވެ.