ސިޔާސީ

މޫސާ އަލީ ޖަލީލަށް ހުކުމް އިއްވުން އަންނަ ހުކުރުދުވަހު


ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޕްރޮސެކިއުޓަރޖެނެރަލް ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ މިހާރުގެ ޑިފެންސް މިނިސްޓަރ މޫސާއަލީ ޖަލީލްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާ، އަންނަ ހުކުރު ދުވަހު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.ރޭ އޮތް އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ ހުލާސާ ބާޔާން އިއްވާފައެވެ.ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާ ބެހޭގޮތުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މަޝްވަރާ ކޮށްފައިވާކަމަށާއި އަދި، އޮޕަރޭޝަނާ ބެހޭގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ލަފާ ހޯދެން އޮތް އިރު އެކަން ކޮށްފައި ނުވާކަމަށެވެ.ޖަލީލްގެ ޤާނޫނީ ވަކީލް ވިދާޅުވީ ދައުލަތުން ޚުލާސާ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކަކީ ޝަރީއަތުގައި ހެކިން ދިން ބަޔާންތަކުން ނުބައިކޮށް މާނަ ނަގައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.