ޚަބަރު

ދައުލަތުން ޕީޕީއެމްއަށް 18 މިލިއަން ރުފިޔާ ދޭންޖެހޭ - ޢަބްދުއްރަހީމް


އިދިކޮޅު ޕީޕީއެމްއަށް ދިވެހި ދައުލަތުން 18މިލިއަނަށްވުރެ ގިނަރުފިޔާ ދޭންޖެހޭކަމަށް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ފައިސާތަކެއް ދޭން އޮއްވާ ކިހިނެތޯ އަޅުގަނޑުމެން ފައިސާ ދައްކާނީ. އަޅުގަނޑުމެންނަށް ސަރުކާރަށް ފައިސާ ދެއްކޭނީ ސަރުކާރުން ދޭން އޮތް ފައިސާ ދިނީމަ ނޫންތޯ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ އެ ފައިސާ ނުދީ އޮތީ ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުން ކަމަށް ޤަބޫލު ކުރެވުނަސް މިހާރު އެފައިސާ ދޫނުކުރަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޤައުމީ އެއާލައިނުން އެޕާޓީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާވެސް ނުދެއްކިފައިވަނީ ދައުލަތުން އެޕާޓީއަށް ދޭންޖެހޭ ފައިސާ ނުދިނުމުންކަމަށާ، ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ދެއްކެން އަންނަނީ ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ލިބުމުންކަމަށެވެ.

"އަޅުގަނޑުމެން ދަންނަވާފައި ވާނީ ޕީޕީއެމުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް އޮތިއްޔާ އެފައިސާ އުނިކޮށްފައި ބާކީބައި ދޭށޭ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ކުރި ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން އެބަ އޮތް 3.8 މިލިއަން ރުފިޔާ." އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ މެންބަރުން އައިލެންޑް އޭވިއޭޝަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކޮށްފައިވާއިރު މެމްބަރުންގެ ޢަދަދަށް ބަލައި އެންމެ ގިނަ ފައިސާ ދޭންޖެހޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމްއެވެ. އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުދީ ހިފަހައްޓާފައި ވަނީ އަށް މިލިއަން ހަސަތޭކަ އަށްޑިހަ ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތް ރުފިޔާއެވެ.