ޚަބަރު

ޒަކާތު ފަންޑުން 50 ތެލަސީމިއާ ކުއްޖަކަށް ޑެސްޕަރޯލް ޕަންޕު ދީފި


ޒަކާތު ފަންޑުގެ އެހީގައި ތެލަސީމިއާ ކުދިންނަ ޑެސްޕަރޯލް ޕަންޕް ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ފަންސާސް ކުއްޖަކަށް ޕަމްޕް ހަވާލުކޮއްފިއެވެ.އެކަމަށްޓަކައި މިއަދު އިސްލާމީމަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ތެލެސީމިޔާ ކުދިންނަށް ޕަމްޕް ހަވާލުކޮއްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު އަލީ ޝަހީމް އަލީ ސަޢީދާއި ހެލްތު މިނިސްޓަރ އަހުމަދު ޒުހޫރުއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ތެލެސީމިޔާ ކުދިންނަށް ޑެސްޕަރޯލް ޕަންޕް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމަށް އެފަންޑުން މިއަހަރު ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައި ވާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭ ޖުމްލަ ދުއިސައްތަ ފަންސަވީސް ކުދިންނަށް ޕަމްޕް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.މިނިސްޓަރ ޝަހީމް ވިދާޅުވީ މިއަހަރު ދެން އިތުރަށް ޕަމްޕް ހަވާލުކުރަން ހަމަޖެހިފައި ވާ ކުދިންނަށް ބޭނުންވާ ޕަމްޕް ރާއްޖެގެނައުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންގެންދާކަމަށެވެ.މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ދުނިޔޭގައި ވެސް ނިސްބަތުން ތެލެސީމިއާ ކުދިން އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އަބާދީގެ އަށާރަ އިންސައްތަ އަކީ ބީޓާ ތެލެސީމިއާ ކުދިން ކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.ޒުހޫރު ވިދާޅުވީ ތެލެސީމިޔާ ކުދިންނަށް ލޭއެޅުމުން ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ މާއްދާތަށް ނައްތާލުމަށް ދޭންޖެހޭ ޑެސްޕަރޯލް، ޕަމްޕު ކުރުމަށް ބޭނުންކުރާ ޑެސްޕެރޯލް ޕަމްޕް ހޯދުމަށް ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ތެލެސީމިޔާ ސެންޓަރަށް ދަތިތަކާއި ކުރިމަތި ވެފައި ވާކަމަށެވެ. އަދި ޒަކާތު ފަންޑުގެ އެހީގައި މިފެށި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މިވަގުތު ތިބި ހުރިހާ ތެލެސީމިޔާ ކުދިންނަށް އެޕަމްޕް ފޯރުކޮއްދެވިގެން ދާނެކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.