ޚަބަރު

މޫދުވިނަ ހިމާޔަތްކުރުމުގެ ޙާއްސަ ކެމްޕެއިނެއް ފަށައިފި


"ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް" ގެ ނަމުގައި، މޫދު ވިނަ ހިމާޔަތްކުރަން ޙާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ މޫދުވިނައިގެ ދުވަހު ފެށި މިކެމްޕެއިނަކީ ސިކްސް ސެންސް ލާމުގެ މެރިން ޓީމް "މޯލްޑިވްސް އަންޑަރ ވޯޓަރ އިނީޝިއޭޓިވް" އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިނުގެ ދަށުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ސީގްރާސް ނުވަތަ މޫދުވިނަ ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޫދުވިނައިގެ މުހިންމުކަން ހާމަކޮށްދީ ފަތުރުވެރި ރިސޯޓުތައް ހުންނަ ރަށްރަށުން މޫދުވިނަ ނޮޅުން ހުއްޓާލުމަށް ބާރު އެޅުން ހިމެނެއެވެ.

ކެމްޕެއިނާއި ބެހޭގޮތުން މޯލްޑިވްސް އަންޑަރ ވޯޓަރ އިނީޝިއޭޓިވްގެ މެރިން ބަޔޮލޮޖިސްޓް ނަތާޝާ ޕްރޮކޮޕް ވިދާޅުވީ، އެ ޖަމިއްޔާއިން 49 ރިސޯޓް ހިމެނޭގޮތުން ކުރި ދިރާސާއަކުން 50 އިންސައްތަ ރިސޯޓްގައި މޫދުވިނަ ނައްތާލާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މި ޕްރޮގުރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ސިކްސް ސެންސް ލާމުގެ ޖެނެރަލް މެނޭޖަރ މާޓީން ވޭން ވިދާޅުވީ، މޫދުވިނަ ހިމާޔަތްކުރުމުގެ ސަބަބުން ފަތުރުވެރިކަމަށްވެސް އެދެވޭ ހެޔޮ ބަދަލެއް އަންނަކަމަށެވެ. ސިކްސް ސެންސް ލާމު ރިސޯޓުން މޫދު ވިނަ ހިމާޔަތްކުރާތާ 2 އަހަރު ވެފައިވާއިރު މިކަމުގައި ފަތުރުވެރިންވެސް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މާޓީން ވިދާޅުވިއެވެ.

މޫދުވިނައަކީ މަސްމަހާމެއްސަށް ކާނާ ފޯރުކޮށްދޭ ވަސީލަތެކެވެ. އަދި ކުދި މަސް ހެދި ބޮޑުވުމަށް ރައްކާތެރި މާހައުލެކެވެ. މީގެ އިތުރުން މޫދު ވިނައަކީ ރަށް ގިރުމުންވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.