ރިޕޯޓް

"ހިޔާ މަޝްރޫޢު" - ހައްޤުވެރިންނަށް އިހުމާލުވުމުގެ އެތައް ޝަކުވާއެއް


ކުރީގެ ސަރުކާރުން ފެށި "ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށައެޅުމަށް ހުޅުވާލުމާއެކު ހައްޤުނޫން އެތައް ފަރާތަކަށް ފްލެޓްތައް ދީފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބޯހިޔާވަހިކަމަށް ހައްލެއް ގެނެއުމަށްކަމަށްބުނެ ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ތެރޭގައިވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިނގާފައިވާކަމުގެ ވާހަކަތައް މިހާރު އަންނަނީ ދެކެވެމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވަކިން ޙާއްސަކޮށް މާލޭ ސަރަޙައްދުގައި މި މައްސަލަށް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބޯހިޔާވަހިކަމަށް އެކަށީގެންވާ ހައްލެއް ނުހޯދި ގިނަ ޒަމާންތަކެއްވުމުގެ ނަތީޖާއަކަށްވީ ބޮޑެތި ގޯތިގެދޮރު ދަރީންގެ ދަރީންނަށް ފޮތިކުރަމުން ކުރަމުންގޮސް، ސަތޭކަ އަކަފޫޓުވެސް ހަމަނުވާ ކުދިކުދި "ޖިފުޓި" ތަކުގައި ތޮއްޖެހިގެން އެތައް އާއިލާއެއް ދިރިއުޅެން ޖެހުމެވެ.

ބޯހިޔާވަހިކަމަށް ހައްލެއް ގެނެއުމަށްކަމަށްބުނެ ރައީސް ޔާމީންގެ ސަރުކާރުން އިޢުލާން ކުރި "ހިޔާ މަޝްރޫޢު" ވެގެންދިޔައީ ބޮޑު އަގުގައި ކުލި ދީގެން އުޅެމުންދިޔަ އެތައް އާއިލާއެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި މަޝްރޫޢަކަށެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވެފައިތިބި އެތައް ޒުވާނުންނަކަށް އުއްމީދު ގެނުވި މަޝްރޫޢަކަށެވެ.

"ހިޔާ މަޝްރޫޢު"އަކީ މިފަހުގެ ތާރީޙެއްގައި ސަރުކާރުން އިޢުލާން ކުރި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢެވެ. 7000 ހައުސިންގ ޔުނިޓް ހިމެނޭ 25 ބުރީގެ 16 ޓަވަރާއި، ސަރުކާރުން ކުންފުނިތައް ހިއްސާވެގެން އިމާރާތްކުރާ ޓަވަރުތަކާއެކު ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެއެވެ. ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި 7000 ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއެކު، މި ހައުސިންގ ޔުނިޓްތައް ދޫކުރާނެ ދުވަހަކަށް ރައްޔިތުން ދިޔައީ އިންތިޒާރުކުރަމުންނެވެ. ޢަމަލީ މަސައްކަތް ފެށިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، ފެނިގެންދިޔައީ ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައި ތިބި އެތައް ރައްޔިތުންނެއް ފޯމް ނެގުމަށް ކިއު ދަމާލި މަންޒަރެވެ.

"ހިޔާ"ގެ ފޯމް ދޫކުރުމާއި، ބަލައިގަތުމުގައިވެސް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް!

ހިޔާ މަޝްރޫޢުގެ ދަށުން 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފޯމް ދޫކުރުމާއި، ބަލައިގަތުމުގެ ހުރިހާކަމެއްހެން އާއްމު ރައްޔިތުންނަށްވީ ބޮޑު ތަކުލީފަކަށެވެ. ފްލެޓަށް އެދޭ ފޯމުގައި ފުރަންޖެހޭ މަޢުލޫމާތުތައް މަދުވިއެއްކަމަކު، އެކަމަށް އެތައް ވަގުތެއް ހޭދަކުރަންޖެހެއެވެ. އޮންލައިންކޮށް ފޯމް ޑައުންލޯޑު ކުރެވުނެއް ކަމަކު ފޯމު ބަލައިގަތުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ވަރަށްވެސް ދޯދިޔާކޮށްކަމަށް ބުނެ އެތައް މީހުންނެއް ދިޔައީ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ކައުންޓަރުތައް މަދުވުމާއި، މަޢުލޫމާތު ހޯދުމުގައި އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތައް އާއްމުން ކުރަމުންދިޔައެވެ. އަދި ފޯމްދޫކުރުމާއި ފޯމްބަލައިގަތުމުގެ އެންމެހާ މަސައްކަތެއްވެސް ކުރިއަށްދިޔައީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް އަވަސް އަރުވާލައިގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ފޯމްތައް ހުށައެޅުމާއި ބަލައިގަތުމުގައި ޤަވާއިދާ ޚިލާފަށް އެ މަސައްކަތް ކުރަމުންދާކަމަށްބުނެ އާއްމު ރައްޔިތުންގެ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމާއެކު، އޭ.ސީ.ސީންވެސް ވަނީ ފްލެޓަށް އެދި ފޯމްދޫކުރުމާއި، ބަލައިގަތުމުގެ ކަންކަން ވަގުތީގޮތުން ހުއްޓާލުމަށް ހައުންސިންގ މިނިސްޓްރީއަށް އޭރު އަންގާފައެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން ފަހުން ވަނީ އަލުން އެ މަސައްކަތް ފަށާފައެވެ.

ފްލެޓް ދިނީ ހައްޤުވެރިންނަށް ކަމަށް ބުންޏަސް، އާއްމުކުރި ލިސްޓުން ފެނުނީ އެހެން މަންޒަރެއް

ހިޔާ މަޝްރޫޢާމެދު އާއްމުންގެ މެދުގައި އެންމެ ބޮޑަށް ޝަކުވާތައް އިތުރުވެގެންދިޔައީ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިންގ މިނިސްޓްރީން އާއްމުކުރި ހިސާބުން ފެށިގެންނެވެ. މިކަމުގައި ސުވާލު އުފެދޭ އެތައްކަމެއް ހުރިކަމަށް ފޯމް ހުށަހެޅި ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ފްލެޓްތައް ދީފައިވަނީ މަރކްސް ދިނުމުގެ އުޞޫލަށް ބަލާ، އެންމެ ހައްޤުވެރި ފަރާތްތަކަށް ކަމަށެވެ.

މިކަންކަމާއި ގުޅިގެން އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ފްލެޓް ލިބޭމީހުން އިއުލާންކުރަނީ ހުރިހާ ފޯމުތަކެއްވެސް އިވެލުއޭޓް ކުރުމަށްފަހުކަމަށްފަހު އެންމެ މަތިން މަރކްސް ލިބޭ ފަރާތްތަކުގެ ނަންތަކާއިއެކުކަމަށެވެ. އަދި ފްލެޓް ދީފައިވަނީ ފޯމު ލީ ފަރާތްތަކުގެ ގެތަކަށް މިނިސްޓްރީގެ ޓީމްތައް ޒިޔާރަތްކޮށް، ދިރިއުޅުމުގެ ޙާލަތަށް ބަލައި، އެކަމުގެ އެންމެ ޙައްގުވެރި ފަރާތްތައް ބެލުމަށްފަހުކަމަށް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވާނީ ދެފުށްފެންނަ ގޮތަށްކަމަށާއި، އެގޮތުން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލިއިރުވެސް އެކި ދާއިރާތަކުން ޕޮއިންޓް ލިބޭނެ ގޮތްތައް އާންމުކޮށް، ފްލެޓް ދޭންޖެހޭ ފަރާތްތައް ހޮވާފައި ވާނީ ވަރަށް އިޚްލާސްތެރި ކަމާއެކުކަމަށް ޑރ. މުޢިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ކުރީގެ ސަރުކާރުން އާއްމުކޮށްފައިވަނީ ހަމައެކަނި ފޯމް ނަންބަރާއި، ލިބުނު މަރކްސްއާއެކުއެވެ. މިއީވެސް ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދިކަމެކެވެ. ލިސްޓުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ކުޑަމިނުން ނަމެއްހާ ހިސާބުވެސް އާއްމުކޮށްފައި ނުވުމުން އާއްމުން އުފެއްދި ސުވާލުތަކަށް އޭރުގެ ސަރުކާރުން ދިން ޖަވާބަކީ އެއްވެސް ފަރާތެއް ޒާތީ މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމަށެވެ. ފްލެޓް ދޫކުރުމުގެ އެންމެހާކަމެއް ކޮށްފައިވަނީ ވަރަށް ދެފުށްފެންނަ ގޮތަކަށްކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް، ވެރިކަން ބަދަލުވެ، މިހާރުގެ ސަރުކާރުން ފްލެޓްތައް ލިބުނު ގޮތާމެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމާއެކު، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓުވެސް ނަމާއި، އެޑްރެސް އެނގޭނެހެން ވަނީ އާއްމުކޮށްފައެވެ.

މިމަހުގެ 4 ވަނަ ދުވަހު އާއްމުކުރި ލިސްޓާއެކު އަނެއްކާވެސް މިވަނީ އިތުރު މައްސަލަތަކެއް ފެންމަތިވެފައެވެ. ހައްޤު ނޫން އެތައްބަޔަކަށް ކުރީގެ ސަރުކާރުން ފްލެޓް ދީފައިވާކަމުގެ ތުޙުމަތުތައް ކުރެވެންފަށާފައެވެ. ސަރުކާރުގެ ނުފޫޒު އޮންނަ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އާއިލާ މެންބަރުންނަށް ފްލެޓްދީފައިވާކަމަށާއި، އެއް އާއިލާއަކަށް ނިސްބަތްވާ އެތައް މެންބަރުންނަކަށް ފްލެޓްދީފައިވާކަމަށް ބުނެ ލިސްޓުގެ ސްކްރީން ޝޮޓްތައް މުޅި ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. ދެމަފިރިންނަށް ފްލެޓް ލިބިއްޖެނަމަ، ކޮންމެވެސް އެކަކު ފްލެޓް ދޫކޮށްލަންޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވީނަމަވެސް، ދެމަފިރިންނަށްވެސް ފްލެޓް ދީފައި އެބަތިއްބެވެ. މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޙާއްސަކޮށްފައިވާ ކެޓެގަރީން މާލޭގައި ދިރިނޫޅޭ ބައެއް ފަރާތްތަކަށްވެސް ފްލެޓް ދީފައި އެބަހުއްޓެވެ. މިފަދަ އެތައް ޝަކުވާއެއް މިހާރު ވަނީ ފެންމަތިވާން ފަށާފައެވެ.

އިތުރަށް ފްލެޓް ޢިމާރާތްކޮށްގެންވިޔަސް ހައްޤުވެރިންނަށް ފްލެޓް ދޭނަން - މިނިސްޓަރ އާޠިފާ

ހިޔާ މަޝްރޫޢާއި ގެދޮރުވެރިކުރުވުން މަޝްރޫޢާއި ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މިހާރުވަނީ ހުޅުވާލާފައެވެ. މިއާއެކު 7000 ހައުސިންގ ޔުނިޓަށް ދެން ވާނީ ކިހިނެއްތޯ މިއީ މިހާރު ވަރަށް ގިނަ ފަރާތްތަކެއް އުފައްދާ ސުވާލެކެވެ.

"ހިޔާ" މަޝްރޫޢުއަށް ސަރުކާރުން ގެންނަ ބަދަލާއެކު އޭގެ ހައްޤުވެރިންނަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރަން ފަށާފައިވާ 7000 ހައުސިންގ ޔުނިޓަކީ ސޯޝަލް ހައުސިންގއަށް ބަލާނަމަ، ރާއްޖޭގެ ޢާއިލާގެ ނިސްބަތުން ދޫކުރުމަށް އެންމެ އެކަށޭނަ ތަންތަނެއް ނޫންކަމަށެވެ. އެހެންކަމުން ޢިމާރާތުގެ ސްޓްރަކްޗާއަށް ބަދަލުނާންނާނެ ގޮތުގެ މަތިން ތިން ކޮޓަރިއަށް ބަދަލުކުރެވެންހުރި ހުރިހާ އެޕާޓްމަންޓްތަކެއް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ އާޠިފާ ވިދާޅުވިއެވެ. މި ބަދަލާއެކު 7000 ހައުސިންގ ޔުނިޓްގެ ޖުމްލަ ޢަދަދު 3588 އަށް ދަށްވެގެންދާނެއެވެ.

ފްލެޓްގެ ޢަދަދު މަދުވިނަމަވެސް ހައްޤުވެރިން ފާހަގަކޮށް ނުވަތަ އަލަށް ކަނޑައަޅާ ސިޔާސަތުން ހައްޤުވެރިންނަށް ފްލެޓް ލިބޭނެކަމަށް މިނިސްޓަރ އާޠިފާ ވިދާޅުވެފައިވެއެވެ. އަދި ފްލެޓްތަކުގެ މައްސަލާގައި ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާކަމަށާއި، އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްލެޓްތައް އެންމެ ހައްޤުވެރިފަރާތްތަކަށް ދިނުމަށްޓަކާ އިތުރަށް ފްލެޓް އަޅަންޖެހިއްޖެނަމަ، އެކަންވެސް ކުރައްވާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިހުރިހާކަމެއްގެ ތެރެއިން، ފްލެޓްތައް އޭގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ލިބޭނެތޯ؟ މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައެވެ.