ޚަބަރު

އަޔެކްސް އަތުން ބަލިވެ، މެޑްރިޑް ހުސްއަތާ ސީޒަން ނިންމާލަން ޖެހިއްޖެ


އަޔެކްސް އަތުން ރޭ އަމިއްލަ ދަނޑުގައި 4-1އިން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓުމުން ރެއާލް މެޑްރިޑަށް މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިއްޖެ އެވެ.

އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ދެ މެޗުގެ އެގްރީގޭޓުން ބަލިވީ 5-3އިންނެވެ. މި ދެ ޓީމު އަޔެކްސްގެ ދަނޑުގައި ކުޅެގެން ރެއާލް މޮޅުވީ 2-1އިންނެވެ.

ނަމަވެސް ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ އަޔެކްސް އަތުން ބަލިވި މެޗަށް ފަހު ކޯޗު ސެންތިއާގޯ ސޮލާރީ ވަނީ މި ސީޒަނުގައި ތައްޓެއް ނުލިބޭނެ ކަމަށް އެއްބަސްވެފަ އެވެ.

ޗެމްޕިއަންސް ލީގުން ކެޓިއިރު ސްޕެނިޝް ލީގުގައި ރެއާލް އޮތީ އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ. އަދި ކޮޕާ ޑެލްރޭއިން ކެޓީ ވެސް މިދިޔަ ހަފުތާގައި ބާސެލޯނާއަތުން ބަލިވެގެންނެވެ.

ކޯޗު ސޮލާރީ ބުނީ މިފަދަ ދަތި ވަގުތެއް އަތުވެދާނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށާއި މިވަގުތު ރެއާލް އަށް އޮތީ ހިމޭނުންތިބެ، ރީތި ގޮތުގައި ސީޒަން ނިންމާލުން ކަމަށެވެ. އަދި ޓީމުގެ ކޮންމެ މީހަކަށްވުރެ އެންމެނަށްވުރެ ކުލަބުގެ ހައިބަތު ބޮޑު ކަމަށެވެ.

ރޭގެ މެޗު ނުނިމެނީސް ރެއާލްގެ ސަޕޯޓަރުން ވަނީ ދަނޑު ދޫކޮށް ދާން ފަށާފަ އެވެ.

ޑިފެންޑަރު ކަވަހާލް ވެސް ބުނީ މިހާ ދަތި ވަގުތެއް ނުދެކޭ ކަމަށާއި ހަފުތާއެއްގެ ތެރޭގައި ހުރިހާ އުއްމީދުތަކެއް ވިއްސި ވިހާލިވެގެން ދިއުމުން ހިތްހަލާކުވެއްޖެ ކަމަށެވެ.