ޚަބަރު

ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް

  • މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވޭ

ނ. އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފުންވިލު، އުމުރުން 36 އަހަރުގެ ޒައިދު މުޙައްމަދެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 26 ވަނަ ދުވަހުކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 7.2 ގުރާމްހުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.