ފަރަންސޭސިވިލާތުގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ޒިނެޑީން ޒިދާން އެޤައުމުގެ ޤައުމީ ޓީމުގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވެއްޖެއެވެ.
1998 ވަނަ އަހަރު ފަރަންސޭސި ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޒިދާން އެންމެފަހުން ކޯޗުކަން ކޮށްފައިވަނީ ކްލަބް ލެވެލްގައި ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށެވެ. އަދި 2021 ވަނަ އަހަރު ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވިފަހުން އޭނާ އެހެން ޓީމަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ. ފަރަންސޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލްކުރާ ޒިދާން ބުނީ ފަރަންސޭސި ޤައުމީ ޓީމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
ޒިދާން އަބަދުވެސް ބުނާގޮތުގައި ފަރަންސޭސި ޤައުމީ ޓީމަށްވުރެ ބޮޑު އެއްވެސް ޓީމެއް ނެތެވެ. އެހެންކަމުން ފަރަންސޭސި ޓީމުގެ ކޯޗުކަމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ އުފަލަކާއި ޝަރަފެއްކަމަށެވެ. އަދި މިއީ ބޮޑު ޒިންމާއެއްކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. ހަމައެއާއެކު އެމަގާމް އޭނާއަށް ދޭން ނިންމީތީ ފްރެންޗް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯއަށާއި އެގްޒެކެޓިވް ކޮމެޓީ އަދި ފެޑެރޭޝަނަށް ޝުކުރުއާދާ ކުރާކަމަށް އޭނާ ބުންޏެވެ. އަދި ފަރަންސޭސިވިލާތުގެ ކުރީގެ ކޯޗު ޑިޑިއަރ ޑޭޝޯން ޤައުމީ ޓީމަށް ކޮށްދިން ޚިދުމަތަށްވެސް ޒިދާންވަނީ ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު ޒިދާންވަނީ އޭނާއަށް ކޯޗުކޮށްދިން ކޯޗުންގެ މަތިންވެސް ހަނދާންކޮށްފައެވެ.
ފަރަންސޭސި ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވެފައިވަނީ ނިމިގެންދިޔަ ވޯލްޑް ކަޕަށްފަހު ޑޭޝޯން މަގާމުން އިސްތިއުފާދިނުމުންނެވެ. ޑޭޝޯންވަނީ އޭނާ ފަރަންސޭސި ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހޭދަކުރި 14 އަހަރުގެ ތެރޭގައި ބޮޑު ތިން މުބާރާތެއްގެ ފައިނަލަށް އެޓީމު ގެންގޮސްދީފައެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށިވެސް ފަރަންސޭސީންވަނީ އޭނާގެ ކޯޗުކަމުގެ ދަށުން ކާމިޔާބު ކޮށްފައެވެ.
ޒިދާންގެ ކޯޗުކަމުގެ ދަށުން ފަރަންސޭސީން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ނޭޝަންސް ލީގުގައި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ތުރުކީޔޭ އާއި ދެކޮޅަށް ކުޅޭ މެޗެވެ.