ހއ.ހޯރަފުށީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އެއްކޮށް ނިންމައި މިއަނަން މަހުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތްދޭން ފަށަން ތައްޔާރުވަމުންދާކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހޯރަފުށީގައި ފެނުގެ ނިޒާމު ޤާއިމުކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހއ.ހޯރަފުއްޓަކީ އެއަތޮޅުގައި މިހާރު އެންމެ ހަލުވި ދުއްވެއްޔެއްގައި ތަރައްޤީވަމުން އަންނަ އެއް ރަށެވެ. މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ރަށުގައި ސާފު ބޯފެން ލިބޭނެ ނިޒާމެއް ޤާއިމުވެފައި ނެތުމެވެ. މި މައްސަލަ ހައްލުކުރުމައްޓަކައި މިހާރު އެރަށުގައި ފެނަކަ ކޯޕަރޭޝަންގެ ގޮތްޕެއް ޤާއިމުކޮށް ފެންޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
ރަށުގައި ޤާއިމުކުރާ ފެނުގެނިޒާމުގެ އެންމެފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މި މަސައްކަތުގެ 99% މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ގެތަކަށް ގުޅާފައިވާ ފެނުގެ ނެޓްވޯކްތައް ޓެސްޓްކުރުމުގެ މަސައްކަތްކަމަށް މުޙައްމަދު ވަހީދު ވިދާޅުވިއެވެ. މުޙައްމަދު ވަހީދުވަނީ ހއ.ހޯރަފުށީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު މުޅިން ނިންމައި އަނަންމަހުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތްދޭން ފެށުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑުމެން މިހާރު މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. އެގޮތުން ފެންޕްލާންޓްގެ މަސައްކަތް އެއްކޮށްހެން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ގެތަކަށް ގުޅާފައިވާ ފެނުގެ ނެޓްވޯކްތަކުގެ އެންމެ ފަހުގެ ޓެސްޓްކުރުމުގެ މަސައްކަތް. މިއާއިއެކު މިރަށަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން ޔަޤީން." މުޙައްމަދު ވަހީދު ވިދާޅުވިއެވެ.
މިނިޒާމުގެ ދަށުން، ބައެއް ގޭބިސީތަކަށް ފެނުގެ ނެޓްވޯކްގެ ކޮޅުތަށް ގުޅުމުގައި ދަތިތަކެއް ހުރިކަން މުޙައްމަދު ވަހީދުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކަމާގުޅޭ ވުޒާރާތަކާއި ކައުންސިލް ގުޅިގެން މި މައްސަލަތަށް ޙައްލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހއ.ހޯރަފުށީގައި ތަރައްޤީކުރާ ފެންޕްލާންޓަކީ 900 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެކެވެ. މިނިޒާމުގައި 300 ޓަނުގެ ވާރޭ ފެން ރައްކާކުރެވޭ ޕްލާންޓެއް ހުންނައިރު އިތުރު 600 ޓަނުގެ ޑިސެލިނޭޝަން ޕްލާންޓެއްވެސް މި ނިޒާމުގައި ހިމެނެއެވެ.