ޚަބަރު

ކީ ސްޓޭޖް 1 ގައި ކިޔަވާ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭން ފެށުމާމެދު މަޝްވަރާކުރަނީ

ތަޢުލީމީ މަންހަޖުގަިއ ހިމެނޭ ކީ ސްޓޭޖް 1 ގައި ކިޔަވާ ދަރިވަރުންނާއި ސޯޝަލް ސްޓަޑީޒް މާއްދާ ކިޔަވާ ދަރިވަރުންނަށް އެމާއްދާ ދިވެހިބަހުން ކިޔަވައިދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަޢުލީމީ މަންހަޖު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ މަންޙަޖުގައި ހުރި ކަންތައްތައް ދިރާސާކޮށް އެއްވެސް ބަދަލެއް ގެންނަންޖެހޭނަމަ އެ ބަދަލެއް ގެންނާނީ އެކަމެއް ދިރާސާކޮށް ރަނގަޅަށް ބެލުމަށްފަހުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކީ ސްޓޭޖު އެކެއްގައި ކިޔަވާ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައި ދެވޭނެ ގޮތަކަށް މަންޙަޖު އިސްލާހު ކުރުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާތީ އެކަމާމެދު މަޝްވަރާކޮށް ދިރާސާތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ކީ ސްޓޭޖް 1ގައި ހިމެނޭ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުން ކިޔަވާ މާއްދާތައް ދިވެހިބަހުން ކިޔަވައިދިނުމާއި ސޯޝަލް ސްޓަޑީޒް މާއްދާ ދިވެހި ބަހުން ކިޔަވައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ދަށުން ދިވެހި ބަހަށް ލިބިގެންދާނެ ކުރިއެރުންތައް ދެނެގަނެ ދަރިވަރުންގެ ކުރިއެރުމަށް ހުރި ފުރުޞަތުތައްވެސް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އައު ކަރިކިއުލަމްއަކީ ހަމައެކަނި ކޮންޓެންޓް ކިޔަވައިދިނުމަށް އެކުލަވާލާފައިވާ ކަރިކިއުލަމެއް ނޫން. އޭގެ ބޭރުން ދަރިވަރުނަށް ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކާއި ބައިވަރު އެހެންކަންތައްތަކެއް އެބަދަސްކޮށްދޭންޖެހޭ ސްކޫލް ތެރޭގައި، އެހެން ވީމަ އަޅުގަނޑުމެންގެ ސްކޫލްތައް އެއްދަންފަޅިއަށް ހެދިގެންދާއިރު ވަގުތުވެސް ދިގުވާނެ ސްކޫލްގަ ހޭދަކުރާ އެކިޔަވައިދޭ ކޮންޓެންޓުގެ އިތުރަށް އިތުރު ބައިވަރު ޙަރަކާތްތަކުގައި ދަރިވަރު ބައިވެރިވާނެ. އޭގެ ތެރޭގައި ކުޅިވަރުގެ ޙަރަކާތްތަކާއި އެހެނިހެން ސްކީލްސްތައް ދަސްކުރާނެ.އެހެން ވީމަ އކުއްޖާ ސްކޫލުން ނުކުންނައިރު ހުންނާނީ ވަށާޖެހޭ ތަޢުލީމެއް ލިބި ދިރިއުޅުމަށް ތައްޔާރުވެފައި."

މީގެ އިތުރުން މިހާރު ވަކި ސްޓްރީމްތަކަކަށް ފޯކަސްކޮށްގެން ކިޔަވައިދޭ ގޮތް ބަދަލުކޮށް ހުރިހާ މާއްދާތަކެއްވެސް ކިޔަވައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުދިންނަށް ވަކި ސްޓްރީމެއް ހަދަން މަޖުބޫރުކުރެވޭ ކަމަށާއި އޭގެ ސަބަބުން ކުދިންނަށް ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައެޅުމުގައި ގިނަ ތަކުލީފުކަތެއް އުފުލަން ފަހުން ޖެހޭކަމަށެވެ.

އަދި ތަޢުލީމީ މަންޙަޖު މުރާޖަޢާ ކުރުމަށް ބޭއްވި މަހާސިންތާގެ ބައިވެރިން ފާހަގަކުރި އެންމެ މުހިއްމު އެއްކަމަކީ މާއްދާތަކަށް ދެވޭ ވަގުތު މަންހަޖުގައި ބަޔާންކޮށްފައި އޮންނަ ގޮތަށް ތަންފީޒުނުކުރެވޭ މައްސަލަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން ތަންފީޒުކުރުމަށް ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރަންޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އައު މަންހަޖަށް ޢަމަލުކުރުމުގައި ފާހަގަވި އެއްކަމަކީ މަންހަޖަށް ބެލެނިވެރިންނާއި މުދައްރިސުން އަހުލުވެރިކުރަން ޖެހިފައިވާކަންކަމަށާއި މިކަން ކުރުމަށް ޓްރެއިނިންގ ތަކެއް ކުރިއަށްގެންދާނެކަމަށެވެ. އަދި ލީޑިން ޓީޗަރުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ލީޑިން ޓީޗަރުންނަށް އިތުރު ތަމްރީންތަކެއް ދިނުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަންހަޖު މުރާޖާކުރުމަށް ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ވަނީ ޚާއްސަ މަހާސިންތާއެއް ބާއްވާފައެވެ. އަދި މިހާރު އެ މަހާސިންތާއިން ފާހަގަވިކަންކަން އިތުރަށް ދެނެގަނެ ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.