ޚަބަރު

ނޯވޭގެ ސްޓޭޓް ސެކްރެޓަރީ ރާއްޖެވަޑައިގެންފި


ނޯވޭގެ ސްޓޭޓް ސެކްރެޓަރީ މެރިޔާން ހާގެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފިއެވެ.

ދިވެހިރާއްޖެއާއި ނޯވޭގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޤައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް ސެކްރަޓެރީ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންގ އެފެއާޒް އަޙްމަދު ޚަލީލެވެ.

ނޯވޭގެ ސްޓޭޓް ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދެދުވަހުގެ މިދަތުރުފުޅުގައި ނާއިބުރައީސް ފައިސަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދް ހަސަންއާއި އެކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއެކު ބައްދަލުކުރެއްވުންތައް ކުރިއަށްގެންދަވާނެއެވެ.

ނޯވޭގެ އެމްބަސީން ބުނެފައިވަނީ އެކަމަނާގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުން ޝައުގުވެރިވާ ދާއިރާތަކުން، ޚައްސަގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބެކެހެއްޓުމާއި، އިގްތިސާދީ ކުރިއެރުމާއި، ކަނޑުތައް ތަޤައްޔަރުވުމާއި ގުޅޭގޮތުން ދެޤައުމު ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ. އަދި ރާއްޖެއާއި ނޯވޭއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާވުމުގެ ފުރުސަތު މިދަތުފުޅުގެ ސަބަބުން ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މެރިޔާން ހާގެންގެ މިދަތުފުޅުގައި ތިލަފުއްޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ކުރިއަށްދާ ކުނިމެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލަތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނޯވޭގެ ސްޓޭޓް ސެކްރެޓަރީގެ އަރިހުގައި އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުންންނާއި ވިޔަފާރި ވަފުދަކުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.