ސިޔާސީ

މަޝްވަރާގެ އަސާސްގެ ބޭނުންހިފާ އިސްލާމީ އުންމަތް ވަރުގަދަކުރަން ޖެހޭ - ޝާހިދު


ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ މައިގަނޑު އަސާސްއަކީ އިސްލާމްދީނުގައި ދައްކުވައިދޭ މަޝްވަރާކުރުމުގެ މާތް އުޞޫލުކަމަށްވާއިރު، މި އަސާސްގެ އެންމެ ފުރިހަމަ ބޭނުންހިފާ އިސްލާމީ އުންމަތް ވަރުގަދަކުރުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޚާރިޖީ ވަޒީރު މިފަދައިން ގޮވާލެއްވީ، އަބޫދާބީގައި ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައެވެ.

އަބޫދާބީގައި ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ، ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށް، ސިޔާސީ ގޮތުންނާއި ޑިމޮކްރަސީގެ ރޮނގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުން ސަލާމްތކުރުމުގައި މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވުމަށް ގޮވާލައްވަމުން މިނިސްޓަރ ޝާހިދުވަނީ، މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެގެން މެނުވީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާގޮންޖެހުންތަށް ހައްލުނުކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައަކަވަމުން މިނިސްޓަރ ޝާހިދުވަނީ އިސްލާމްދީނުގައި ދައްކުވައިދޭ މަޝްވަރާކުރުމުގެ މާތް އުޞޫލުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ. އެގޮތުން ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގެ މައިގަނޑު އަސާސްއަކީ މަޝްވަރާކުރުމުގެ މާތް އުޞޫލުކަމަށްވާއިރު، މި އަސާސްގެ އެންމެ ފުރިހަމަ ބޭނުންހިފާ އިސްލާމީ އުންމަތް ވަރުގަދަކުރުމަށް ޚާރިޖީ ވަޒީރުވަނީ ގޮވާލައްވައިފައެވެ.

ޓެރަރިޒަމްއާއި، ލާއިންސާނީ އަމަލުތަށް ހިންގުމަކީ އިސްލާމީ އުސޫލުތަކާއި މުޅިން ޚިލާފުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދުވަނީ، އިސްލާމީ އުސޫލުތަށްކަމަށްވާ، އެއްބައިވަންތަކަމާއި، އިޚުތިރާމާއި، މިނިވަންކަމުގެ ރިވެތި އާދަތަށް ނެގެހެއްޓުމަށް މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓަރ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދެއްވި ބަޔާނުގައިވަނީ އެޖަމާއަތުން އިސްލާމީ ޤައުމުތަކުގެ ލާބައާއި މަންފާއަށްކުރާ ކޮންމެކަމެއްގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެންބަރު ޤައުމަކަށް ވެފައިވަނީ 1976 ވަނަ އަހަރުއެވެ. އޯއައިސީއަކީ އިސްލާމީ އުންމަތަށް ދިމާވާ އެކި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ސުލްޙަ ޤާއިމް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.