ސިޔާސީ

ޚާރިޖީ ވަޒީރު އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައިފި


އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައިފިއެވެ.

އަބޫދާބީގައި ކުރިއަށްދާ އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46ވަނަ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ޝަރަފްވެރި މެހުމާނަކަށް ވަޑައިގެންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖާއިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެ، މަޝްވަރާކުރެއްވި ކަންތައްތަށް ދާގޮތާއި ބެހޭގޮތުން ދެ މިނިސްޓަރުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖްވަނީ، އިންޑިއާ ޕާކިސްތާން މައްސަލައިގައި އިންޑިއާގެ ހުރި ކަންބޮޑުވުންތަށް ވަނީ ހިއްސާކުރައްވާފައެވެ. އިންޑިއާއާ ޕާކިސްތާނާއި ދެމެދު ނުތަނަވަސްކަން އިތުރުވަމުން ދާތީވެ، ދިވެހި ސަރުކާރުން ވަނީ މީގެކުރިން ކަންބޮޑުވުންފާޅުކޮށްފައެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭ.ކޭ އަބްދުލް މޮމެންއާއިވެސް ބައްދަލުކުރައްވައިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އޯ.އައި.ސީގެ ތެރެއިންނާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ދެ ވަޒީރުންވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.