ވިޔަފާރި

ޖަނަވަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ


ޖަނަވަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ޖުމްލަ 78،248،272 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ގްރީން ޓެކުހުގެ ގޮތުގައި އެއް އަތޮޅަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 28 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ، އދ. އަތޮޅުންނެވެ. އެއީ 9.1 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ އެއީ 6.3 މިލިއަން ރުފިޔާއެވެ.

ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ ތެރެއިން ރިސޯޓްތަކުން ޖަނަވަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ހޮޓާތަކުން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ގެސްޓްހައުސްތަކުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މި މުއްދަތުގެ ތެރޭގައި ސަފާރީ އުޅަނދުތަކުން ގްރީން ޓެކްސްގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.