ތަރައްްޤީ

މިމަހުގެ 10 ވަނަ ދުވަހު ހެލްމެޓު އެޅުން މަޖުބޫރު، ފިޔަވަޅު ނާޅަނީ އިތުރު ފުރުސަތެއް ދޭން - ޓްރާންސްޕޯޓް އޮތޯރިޓީ


މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރުކަމަށާއި އެއަށް ޢަމަލުކުރުން ފަސްނުކުރާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރު ކަމަށާއި އެކަން ތަންފީޒުކުރުން ފަސް ނުކުރާކަމަށެވެ. ރަފީއު ވިދާޅުވީ ހެލްމެޓު އެޅުމުގެ ގަވާއިދު ޢާއްމުކުރި އިރު ގިނަ ފަރާތްތަކަކުން ހެލްމެޓު ހޯދާފައިވާތީ އެފަރާތްތަކަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ހެލްމެޓު ހޯދުމުގެ ފުރުސަތެއް ދިނުމުގެ ގޮތުން ފިޔަވަޅުއެޅުން އެޕްރީލް މަހަށް ފަސް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބުރިޖު ހުރަސްކުރާއިރު މިމަހުގެ 10 ވަނަދުވަހުން ފެށިގެން ހެލްމެޓު އެޅުމަކީ މަޖުބޫރު ކަމެކެވެ. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން 30 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި ހުންނަ މަގުތަކުގައި ސައިކަލު ދުއްވަންޖެހޭނީ ހެލްމެޓު އަޅައިގެންނެވެ.

ރާއްޖޭގައި މި ސްޕީޑަށް ދުއްވޭ މަގުތަކަކީ އައްޑޫ ސިޓީ ލިންކް ރޯޑާއި ލ.ގަމު ލިންކް ރޯޑާއި ސިނަމާލޭ ބްރިޖެވެ. އައްޑޫ ސިޓީ ލިންކު ރޯޑުގައި ހެލްމެޓު އަޅައިގެން ދުއްވުން މަޖުބޫރުކޮށްފައިވާއިރު ހެލްމެޓު ނާޅާ ފަރާތްތަކަށް ވަނީ ފިޔަވަޅުވެސް އަޅާފައެވެ. ލ.ގަމުގައި އަދި ހެލްމެޓު އަޅަން މަޖުބޫރުކޮށްފައި ނުވިނަމަވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރުކޮށް އެއްވެސް އުޒުރަކާއި ނުލައި ހެލްމެޓު ނާޅާ ދުއްވާ ފަރާތްތަކާމެދު އެޕްރީލް މަހުން ފެށިގެން ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓު އޮތޯރިޓީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހެލްމެޓު ނާޅާ ފަރާތްތައް ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވާއިރު މިގަވަޢިދުގެ ދަށުން ހެލްމެޓު ނާޅާ ދުއްވާ ފުރަތަމަ ފަހަރުނަމަ -/500 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާއިރު ދެވަނަ ފަހަރަށްނަމަ -/750 ޖޫރިމަނާކުރާނެއެވެ. އަދި އެއަށްފަހު އިތުރުވާ ކޮންމެ ފަހަރަކަށް -/1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދުގައި ވަނީ ހެލްމެޓުގެ ނަމޫނާވެސް ޢާއްމުކޮށްފައެވެ. އަދި ޢާއްމުކޮށްފައިވާ ނަމޫނާއާއި ޚިލާފަށް ހުންނަ ހެލްމެޓު އަޅާ ފަރާތްތަކަށްވެސް އެޕްރީލް މަހު ފިޔަވަޅު އަޅާނެއެވެ.