ޚަބަރު

މީހުން ބިނާކުރުމަށް ބޭނުުންވާ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި


އެކި ދާއިރާތަކަށް، ތަމްރީން ލިބިފައިތިބި މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އަދި އިތުރަށް މީހުން ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ބެލުމަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިންގ ނީޑް އެނަލިސިސްއެއް ޤައުމީ ފެންވަރުގައި ހެދުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

ނޭޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސް ވެލިޑޭޝަން ވޯކްޝޮޕް"ގެ ނަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ، ޖުމްލަކޮށް ހުރިހާ ދާއިރާތައް ހިމެނޭހެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ތަޢުލީމީ ދާއިރާއާއި، ފަތުރުވެރިކަމާއި، ސިއްޙީ ދާއިރާއާއި، އިދާރީ ދާއިރާ އަދި ވިޔަފަރީގެ ދާއިރާގައި މަސައްކަތް ކުރާ 100އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މި ދާއިރާތަކަށް ބޭނުންވާ، ތަމްރީން ލިބިފައި ތިބި މީހުން ބޭނުންވާ އަދަދުތަކާއި، އަދި މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާކޮށްފައިވެއެވެ.

މި ވޯކުޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާޙީމް ޙަސަން ވިދާޅުވީ މިފަދަ ބައްދަލުވުންތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިފަދަ ބައްދަލުވުމުގެ ޒަރިއްޔާއިން ޤައުމު ބައްޓަން ކުރަން ބޭނުންވާ މިސްރާބަށް ދިއުމަށް، ރައްޔިތުންގެ ބައިވެރިވުން ބޭނުންވާ ދާއިރާތައް ފުރިހަމައަށް ދެނެގަނެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ވިސްނުމަކީ ތަޢުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުން. ރާއްޖެ ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ހޯދުން. އެކި ލެވެލްގެ މީހުން ބިނާކުރުން." މިނިސްޓަރ ޑރ އިބްރާޙީމް ހަސަން ވިދާޅުވިއެވެ.

މި ވޯކުޝޮޕާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރައްވަމުން ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޝަފީނާ ވިދާޅުވީ މިހާރުވެސް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިތާރައް ދެނެގަތުމަށް ސަރވޭތައް ހަދަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް އެކި ދާއރާތަކުގެ ފަންނީ ބޭފުޅުންގެ ޚިޔާލާއި ލަފަޔާއެކު މީހުން ތަމްރީން ކުރުމަށް ބޭނުންވާ މިންވަރާގުޅޭ ޑްރާފްޓެއް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ވަޒީފާނެތް މީހުންގެ ނިސްބަތް 11 އިންސައްތައަށް އަރާ. ސާކް ޤައުމުތަކުގައި، އަފްގާނިސްތާން ވިޔަފައި ވަޒީފައަށް ނުދާ މީހުން އެންމެ ގިނައީ ރާއްޖޭގައި. އެކަމަކު ތައުލީމާއި ތަމްރީން ލިބިފައިތިބި މީހުން އެންމެ ގިނަ ޤައުމުގެތެރޭގައި ރާއްޖެ ހިމެނޭ. މިކަން މިގޮތަށްވާ ސަބަބު ދެނެގަންނަން ޖެހޭ." ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މި ވޯކްޝޮޕުގައި ބައިވެރިވާ ފަރާތްތަކުން އެކި ދާއިރާތަކުން މީހުން ބޭނުންވާ މަޤާމުތާއި، އަދަދުތަކާއި، އަދި ލެވަލްތައް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ.