ތަރައްްޤީ

ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްލޭންތައް ހެދުމަށް ފަންނީ ޤާބިލު މީހުން ކައުންސިލްތަކުގައި ތިބުން މުހިންމު- މިނިސްޓަރ އަސްލަމް


ރަށްރަށް ތަރައްޤީކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ޕްލޭންތައް ހެދުމަށްޓަކައި، ރަށްރަށުގެ ކައުންސިލްގައި އެކަމުގެ ފަންނީ ޤާބިލުކަން ހުރި މީހުން ތިބުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މުޙައްމަދު އަސްލަމް ވިދާޅުވއެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ޤައުމީ ފެންވަރުގައި ފުރިހަމަ ޓްރެއިނިންގ ނީޑް އެނަލިސިސްއެއް ހެދުމަށްޓަކައި ބާއްވާ ވޯކްޝޮޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅުދައްކަވަމުންނެވެ.

"ނޭޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސް ވެލިޑޭޝަން ވޯކްޝޮޕް"އަކީ މިވަގުތު ރާއްޖެގައި މީހުން ބިނާކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކަކީ ކޮބައިތޯ ބަަލައި، އެ ދާއިރާތަކަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ކުރިއަށްގެންދަނީ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންވެސް ބައިވެރިކޮށްގެންނެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މުޙައްމަދު އަސްލަމް ވިދާޅުވީ ރަށްތައް ލާމަރުކަޒީކޮށް ހިންގުމުގެ ގިނަ މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކުރާއިރު، ރަށާއި ގުޅޭ ޕްލޭންތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ވެފައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ރަށްތަކާއި ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި، ރަށްރަށުުގެ ސަރވޭތައް ހަދައި، ފަންނީ ލަފަޔާއެކު ޕްލޭންތައް ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢުތައް ހިންގުމާއި، ރަށްރަށަށް ބޭނުންވާ ކަންކަން ފުރިހަމައަށް ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި، މުނިިސިޕަލް މަސައްކަތްތަކާއި، ކުނި މެނޭޖުކުރުންފަދަ މުހިންމު މަސައްކަތްތަކަށް، ފަންނީ އެހީ ލިބޭނެ މަގު ފަހު ކުރުމަށްޓަކައި އެކަންކަމާ ގުޅޭ ޕްލޭންތައް ހެދިފައި ހުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"ރަށްރަށުގެ ކަންކަން ޕްލޭންކުރާއިރު، ރަށާއިގުޅޭ ސަރވޭތައް ހެދުން މުހިންމު. އެކަމަކު ރަށްރަށުގައި ނެތް އެފަދަ މީހުން ބިނާވެފައެއް. ކައުންސިލް މެންބަރުން ވަރަށް ބޮޑަށް ތަމްރީން ކުރަންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކި ރަށްރަށުގައިހުރި އެރަށްރަށަށް ނިސްބަތްވާ ތާރީޚީ އަދި ސަޤާފީ ކަންކަން އުވުނަނުދީ، އެކަންކަން ދިރުވާ އާލާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ކަމަކީ މިހާރު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށާ، އެގޮތުން ކުނާ ވިޔުމާއި، ހިރިގަލު ވަޑާމުގެ ހުނަރުފަދަ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ކަންކަން އުވުނަ ނުދިނުމަށްޓަކައި އެފަދަ ދާއިރާތަކުން މީހުން ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީ އުވާލިތާ، މިވީ 10ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ކަންކަން ޕްލޭންކޮށްގެން ހިންގުމުގެ ނިޒާމު ވަރަށް ބޮޑަށް އަަނަރޫފަވެގެން ދިޔަކަމަށެވެ. އަދި ރާއްޖެއާއި، ރާއްޖޭގެ މާޙައުލާ ގުޅޭ އިލްމު ލިބި، ކަންކަން ސަރވޭކޮށް ޕްލޭންކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ދައްވެގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ފުރިހަމަ ޓްރެއިނިންގ ނީޑް އެނަލިސިސްއެއް ޤައުމީ ފެންވަރުގައި ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.