ޚަބަރު

ހެންވޭރު އާޓިފިޝަލް ބީޗާއި ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމަކީ ދެއަހަރުދުވަހުގެ ޕްލޭނެއް - މާލެ ސިޓީ ކައުންސިލަށް


ހެންވޭރު ލޮނުޒިޔާރަތްކޮޅާއި، އަރޓިފިޝަލްބީޗް ތަރައްޤީކުރުމުގެ ކުރެހުންތަކުގެ މަސައްކަތް، ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މިތަންތައް ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށްއޮތް ދެއަރުދުވަހުގެތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ސަރުކާރާއި ސިޓީކައުންސިލުން މަސައްކަތް ކުރަމުންގެންދަނީ މާލޭގައިހުރި ހުސްބިންތަކުގައި، ހިތްފަސޭހަކޮށްލައި، ޢާއިލާތަކާއެކު ބޭރަށްނުކުމެލައި ތިބެވޭނެ މާޙައުލެއް ހޯދައިދިނުމަށެވެ.
އެގޮތުން ހެންވޭރު ލޮނުޒިޔާރަތްކޮޅާއި، އާޓިފިޝިއަލްބީޗް ސަރަޙައްދު ވަކި ޕްލޭނެއްގެ ދަށުން ތަރައްޤީކުރުމަކީ ސަރުކާރާއި މާލޭ ސިޓީ ކައުންސިލުންވެސް އިސްކަމެއްދީގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަސައްކަތްތަކެކެވެ.

މާބޮޑު އަޅާލުމެއްނެތި ދޫކޮށްލާފައިވާ ހެންވޭރު އަރޓިފިޝަލް ބީޗް ސަރަޙައްދާއި، ބްރިޖް ކައިރި ލޮނުޒިޔާތްކޮޅު ތަރައްޤީކުރުމުގެ ޕްލޭނެއް، ސިޓީ ކައުންސިލާއި ޕްލޭނިންގ މިނސްޓްރީ ގުޅިގެން މިހާރު ފަރުމާކޮށް، ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މާލޭ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ މިދެސަރަހައްދުވެސް ތަރައްޤީކުރާނީ ބީޗް ކޮންސެޕްޓަކަށް ބަލައިގެންކަމަށެވެ. އެގޮތުން ތާޒާ ވައިލިބޭނެގޮތަށް ކުޅިވަރު ކުރުމަށާއި، ޕާކެއްގެ ހިތްހަމަޖެހުން ލިބޭގޮތަށް އެސަރަހައްދުތައް ތަރައްޤީކުރައްވަން އިސްކަންދެއްވާނެކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މިތަންތަނުގައި ބޮޑެތި ޢިމާރާތް ހެދުމަށް ޕްލޭން ނުކުރައްވާކަމަށެވެ. ނަމަވެސް އެތަންތަނަށް ޒިޔާރަތްކުރާމީހުންނަށް ކާބޯތަކެތި ގަނެވޭގޮތަށް ކުދިކުދި ޢިމާރާތްފަދަ ހަދާނެކަމަށާ، މިކަންވެސް ކުރާނީ ބީޗް ކޮޮނސެޕްޓް ނުގެއްލޭގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، އާޓިފިޝަލް ބީޗް ތަރައްޤީކުރުމާގުޅޭގޮތުން އެސަރަޙައްދަށް ގޮސްއުޅޭ ފަރާތްތަކާވެސް މާލޭ ސިޓީ ކައުންސިލުން ބައްދަލުކުރަމުންދާކަަމަށެވެ. އަދި ކުރެހުންތަކުގެ މަސައްކަތުގައި އެފަރާތްތަކުގެ ޚިޔާލު ބޭނުންކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ޕްލޭނިން މިނިސްޓްރީއާއި މާލޭ ސިީޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމަސައްކަތަކީ، ދެއަހަރު ދުވަހަށް ރާވައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ.

ސިފާ ވިދާޅުވީ ކާނިވާ ސަރަޙައްދު މިހާރު އޮތްގޮތަށް ބަދަލުގެނައުމާގުޅޭގޮތުންވެސް މަޝްވަރާ ކުރާކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެތަނަކީ ސިޔާސީ ބައްދަލުވުންތަކާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިންސަންސް ނެގުމުގެ ޢަމަލީ ޢިމްތިހާންހެދުމަށް ބޭނުންކުރާ ތަަނަށްވާއިރު އެތަން ރަނގަޅު ގޮތުގައި ތަރައްޤީކުރުމަށް ވަރަށްބޮޑަށް ވިސްނަންޖެހޭކަމަށެވެ. އެތަނުގައި އޮތް ޕާކިންގ މައްސަލަ ޙައްލުކޮށް ކުރިއަށްއޮތް ތާނގައި އެތަން ތަރައްޤީކުރުމުގެ ވިސްނުންވެސް މާލޭ ސިޓީ ކައުންސިލުން ގެންދުޅޭކަމަށް ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ވޭތުވެދިޔަ ހަމަސްދުވަހުގެ ރިޕޯޓް ހުށައެޅުމަށް ބާއްވާ ބައްދަލުވުމުގައި މިތަންތަން ތަރައްޤީކުރުމާ ގުޅޭގޮތުން މާލޭގެ ރައްޔުތުންނާ އިތުރަށް މަޝްވަރާކުރާނެކަމަށްވެސް ސިފާވަނީ ވިދާޅުވެފައެވެ.