ޚަބަރު

ވޯޓު ކަރުދާހާ ގުޅޭމައްސަލަ އަވަހަށް ނިންމައިދިނުމަ އީސީން އިލްތިމާސްކޮށްފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓުކަރުދާހާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއިދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި މައްސަލަ ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އީސީން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ އަންނަ މަޖިލިސް އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެކޮމިޝަނުގެ މެންބަރު އަދި ސްޕޯކްސް ޕާސަން އަޙްމަދު އަކްރަމް ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ބޭނުންވާ ވޯޓުކަރުދާސް ޗާޕްކުރާނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގައި އިއުލާންކުރަން ނިންމާފައިވާކަމަށާއި، ނަމަވެސް ވޯޓު ކަރުދާހާއި ގުޅިގެން ކުރީގެ ސަރުކާރުގެ ވަޒީރަކު އޭސީސީ އަށް ހުށައަޅާފައިވާ މައްސަލަ އަދިވެސް ނިމިފައި ނުވާކަމަށެވެ.
މިއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިބާ މުހިއްމު މައްސަލައަަކަށްވުމުން މިމައްސަލަ ވީއެންމެ އަވަހަކަށް ނިންމައިދިނުމަށް އަކްރަމް ވަނީ އޭސީސީ އަށް އިލްތިމާސްކުރައްވާފައެވެ.

"ކުރީގެ ސަރުކާރުގެ ފިނޭސްސް މިނިސްޓަރު ވޯޓުކަރުދާހާއި ގުޅިގެން އޭރު ހުށައެޅި މައްސަލަ އަދިވެސް ނުނިމޭ. އަޅުގަނޑުމެން މިއޮތީ މިއަންނަ ހަފްތާ ތެރޭގައި ވޯޓު ކަރުދާސްތައް ޕްރިންޓްކުރަން ހުޅުވާލާގޮތަށް. އެހެން ނަމަވެސް އެމައްސަލަ އަދިވެސް ނުނިމޭތީ އަޅުގަނޑު ހަމަ އިލްތިމާސްކުރަން އޭ.ސީސީއަށް، އެފަރާތަށް ހުށަހެޅިވަފއިވާ ވޯޓުކަރުދާހާއި ގުޅޭ މައްސަލަ ފުރިހަމަ ތަޙްޤީގަކަށްފަހު މީއެންމެ އަވަހަށް ނިންމައިދިނުމަށް" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެމައްސަލަ ނުނިމި އޮތް ނަަމަވެސް މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށާއި، ނަމަވެސް އެފަދަ މައްސަލައެއް އޭސީސީއަށް ހުށައަޅައި ނުނިމިވަނިކޮށް އަލުން ވޯޓު ކަރުދާސް ޗާޕުކުރާނަމަ ރައްޔިތުންގެ މެދުގައި ހިންހަމަޖެހުންތަކެއް ހުރެދާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބޮޑު އަގެއްގައި އެމް7 އާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ، އޭރު ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓޭމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް ސެވަން އާއި ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރިނަމަވެސް، އެކޯޓުން ވަނީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ވަރުގެ ހެއްކެއް ދެއްކިފައިނުވާ ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިންމައިފަ އެވެ.