ޚަބަރު

އީރާނުގެ ޚާރިޖީ ވަޒީރު މަޤާމުން އިސްތިއުފާދެއްވައިފި


އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ކުއްލިގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޒަރީފްގެ އިސްތިއުފާ އިޢުލާންކުރައްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މިކަން އިޢުލާންކުރައްވާ ޒަރީފް ވިދާޅުވީ، ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ހުންނަވާ ހާސިލު ނުކުރެވުނު ކަންކަމަށް އީރާނުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.

އަދި މި މުއްދަތުގައި އޭނާގެ ފަރާތުން ކުރެވިފައިވާ ކުށެއް ވާނަމަ، އެކަމަކަށްވެސް މަޢާފަށް އެދޭކަމަށް ޒަރީފް ވަނީ ވިދާޅުވެފައެވެ. މި ޕޯސްޓްގައި ޚާރިޖީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ޒަރީފް ބަޔާންކޮށްދެއްވާފައެއް ނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ހޯމަދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުގެ ސަބަބުން ކަމަށާއި، މި ދަތުރުގެ މަޢުލޫމާތު ޒަރީފާ ހިއްސާކޮށްފައި ނުވާތީކަމަށެވެ.

ޒަރީފްގެ އިސްތިއުފާ އީރާނުގެ ރައީސް ހަސަން ރޫޙާނީ ޤަބޫލުކުރައްވާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު މިކަމުގައި އެންމެ ފަހު ބަސް ވިދާޅުވާނީ އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޚާމެނާއީއެވެ.

މުޙައްމަދު ޖަވާދު ޒަރީފަކީ 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި ދުނިޔޭގެ ބާރުތަކާއި އެ ޤައުމާ ދެމެދު ޤާއިމުކުރި އެއްބަސްވުން އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އީރާނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން މީގެ ކުރިން ކުރައްވާފައިވާ ޒަރީފް ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރުގައެވެ.