ޚަބަރު

ރައީސް ޞާލިޙްގެ ވެރިކަމަށް 100 ދުވަސް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ފުރިހަމަވެއްޖެއެވެ. މިމަހުގެ 25 ވަނަދުވަހު 100 ދުވަސް ވަނީ ފުރިހަމަވެފައެވެ. ފުރަތަމަ 100 ދުވަހުގެތެރޭގައި ޙާޞިލްކުރައްވަން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކާއި ވަޢުދުފުޅުތައް ފުރިހަމަކުރެއްވުމުގައި ދުވަސް ގުނުމަށް ސަރުކާރުން ނިންމަވާފައިވަނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެންކަމުން މިދެންނެވި ކަންކަން ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މުހުލަތު އަދި ހަމައެއްނުވެއެވެ. އެމުހުލަތު ހަމަވާނީ އަންނަ މަހުގެ 28ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ފުރިފައިވާއިރު އެކި ދާއިރާތަކުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ފުރިހަމަކުރެއްވުމުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ޙާޞިލްކުރައްވާފައެވެ. އެކި ދާއިރާތަކުން ކުރައްވަން ނިންމެވި ގިނަ ކަންކަމުގެތެރެއިން މިހާތަނަށް ގިނަޢަދަދެއްގެ ވަޢުދުތައް ވަނީ ފުއްދާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްތްރީއާއި ހެލްތް މިނިސްޓްރީގެ ދާއިރައިން ކުރެއްވުމަށް ހަމަޖެހިފައިވާ ކަންތަތަކާއި ޙާޞިލްކުރެއްވުނު މުހިންމު ކަންކަމަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ތަޢުލީމީދާއިރާއަށް ބަލާލާއިރު މި ދާއިރާއިން ޖުމުލަ 11 ވަޢުދެއް ފުއްދުމަށް ކަނޑައެޅުއްވިއެވެ.
އޭގެތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ދާއިރާގެތެރެއިން ކަނޑައެޅުއްވި 5 ވަޢުދަކާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދާއިރާގެތެރެއިން ކުރައްވަން ކަނޑައެޅުއްވި 6 ވައުދެއް ހިމެނެއެވެ. އޭގެތެރެއިން އެޑިއުކޭޝަން މިނިސްޓްރީގެ ދާއިރާގެތެރޭގައި ހިމެނޭ ހުރިހާ ވަޢުދެއް ވަނީ ފުއްދަވައި ނުންމަވާފައެވެ.

ހަޔަރ އެޑިއުކެޝަން މިނިސްޓްރީގެ ދާއިރާގެތެރޭގައި ހިމެނޜ 5 ވަޢުދެއްވަނީ ފުއްދަވާފައެވެ. މިދާއިރާއިން މިހާތަނަށް ފުއްދަވާފައިނުވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް މަތީތަޢުލީމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރުދޭނެ ޤާނޫނެއް ޑްރާފްޓުކޮށް ރައްޔިތުން މަޖިލިހަށް ހުށަހެޅުއްވުމުގެ ވަޢުދެވެ.

ދިވެހި ރައްޔިތުންނަށް ހަރުދަނާ ސިއްޙީ ނިޒާމެއް ފޯރުކޮށްދިނުމުގެގޮތުން ސިއްޙީ ދާއިރާއިން 15 ވައުދެއް ފުއްދެވުމަށްވަނީ ކަނޑައަޅުއްވާފައެވެ. މިދާއިރާއިން ފުއްދަވާފައިވަނީ 6 ވައުދެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމާ ޙަވާލުވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ނުހިމަނައި، ސަރުކާރަށް 100 ދުވަސް ފުރޭނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލް ކުރުމަށް ޖުމްލަ 161 ވަޢުދު ކަނޑައަޅާފައިވެއެވެ.