ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްޤުތަކާބޭހޭ ކައުންސިލު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފިޖީގެ ބޮޑުވަޒީރު ފްރޭންކް ބައިނިމަރަމާ އާއި ބައްދަލު ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާ ދަތުރުފުޅުގެ ތެރެއިން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕޭންއާއި، ނޯވޭގެ ޚާރިޖީ ވަޒީރު އެރިކްސެން ސޮއައިޑާއާއި، އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮރ ޔޫއެން އެންޑް ކޮމަންވެލްތު، ލޯޑް އަޙްމަދް އޮފް ވިމްބެލްޑަން އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްޤުތަކާއި ބެހޭ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕޭންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުންނާއި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިނިސްޓަރު ޝާހިދު ނޯވޭގެ ޚާރިޖީ ވަޒީރު އެރިކްސެން ސޮއައިޑާއި ބައްދަލުކުރައްވައި، ކުދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުންނާއި ކަނޑުތަކުގެ ކަންތަކުގައި ދެޤައުމުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ނޯވޭއަށް އެހީތެރިވެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮރ ޔޫއެން އެންޑް ކޮމަންވެލްތު، ލޯޑް އަޙްމަދް އޮފް ވިމްބެލްޑަންއާއި ބައްދަލުކުރައްވައި، ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި ހޯމަ ދުވަހު ބޭއްވި އދ. ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ތަގުރީރު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައާއި އެކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ގެއްލިގެންދާކަން ފާހަގަ ކުރައްވާފައެވެ.