ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން މާމޮޅަށް އޭނާ އަށް ކުޅެވޭ ކަމަށް ފޯވަޑް ކަރީމް ބެންޒެމާ ބުނެފި އެވެ.
އޭނާ ބުނީ ރެއާލް މެޑްރިޑަށް އައީ ގޯލު ޖަހަން ކަމަށާއި ނަމަވެސް ރޮނާލްޑޯ ޓީމުގައި ހުރިއިރު އޭނާ އަށް އޮންނަ ޒިންމާ އަކީ އެހެން ކުޅުންތެރިއަކު ގޯލު ޖަހަން ޕާސްދިނުން ކަމަށެވެ.
"އޭރު ސީޒަނެއްގައި 50 ގޯލު ޖަހާ ކުޅުންތެރިއަކު ޓީމުގައި ހުރޭ. މިހެންވީމަ އަހަރެންގެ ބުރަކަށީގައި 9 ނަންބަރު ޖަހާފައި އޮތަސް އަހަރެންގެ މައިގަނޑު ޒިންމާއަކި ކޮންމެވެސް މީހަކަށް ޕާސްކުރުން. ގޯލު ޖެހުން އެއީ އަހަރެންގެ އަސްލު ޒިންމާއަށް ނުވެފައި އޮތީ،" ބެންޒެމާ ބުންޏެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ބެންޒެމާ ރޮނާލްޑޯ އަށް ފާޑުކިޔަމުން ބުނީ އޭނާގެ ސަބަބުން ރެއާލް މެޑްރިޑުގައި އޭނާގެ އަސްލު ސްޓައިލުގައި ކުޅެން ފުރުސަތު ނުލިބުނު ކަމަށެވެ. މިއީ 9 ނަމަބަރު ޖަހައިގެން ކުޅޭ ކުޅުންތެރިއަކަށް ދިމާވެގެންނުވާނެ ފަދަގޮތެއް ކަމަށެވެ.
ބެންޒެމާ ބުނީ މިސީޒަން ފެށުމުގެ ކުރިން ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން ފޯވަޑް ލައިނުގައި ހަމަޖެހިގެން އިތުބާރާއެކު ކުޅުމުގެ ފުރުސަތު މިހާރިގެ ކޯޗު އޭނާއަށް ހޯދައިދީފައިވާ ކަމަށެވެ.ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށ 20 ގޯލު ޖަހާފަ އެވެ. އަދި އޭނާ ވަނީ ރެއާލް އަށް ޖުމުލަ 138 ގޯލު ޖަހާދީފަ އެވެ.