ޚަބަރު

އެމްޑީޕީގެ މެންބަރުން އަމިއްލަގޮތުން ވާދަނުކުރެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި


އެމްޑީޕީގެ ޕްރައިމަރީން ބަލިވި ކެނޑިޑޭޓުން އަމިއްލަގޮތުން އިންތިޚާބުގައި ވާދަނުކުރެއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށްއޮތް މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ނިންމައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެޕާޓިގެ ޕްރައިމަރީގައި ކާމިޔާބު ނުލިބުނު އެއްވެސް މެންބަރަކު އެޕާޓިގެ އުސޫލާއި ޚިލާފަށް އަލުން އިންތިޚާބުގައި ވާދަނުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެޕާޓީއާއި ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބައްލަވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ހެދުމަށް ސުޕުރީމް ކޯޓަށް ހުށައެޅުއްވީ އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވި ޢަބްދުﷲ ޖާބިރެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިޚާބުތަކަށް ނުފޫޒުފޯރުވާތީކަމަށް ތުހުމަތުކުރެއްވިއެވެ. އަންނަ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.