ޚަބަރު

ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެމީހަކު އައްޑޫސިޓީއަށް ގެންގޮސްފި


ރާއްޖެއިން ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެމީހަކު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އައްޑޫސިޓީ އަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން މަޢޫލޫމާތު ދެއްވިގޮތުގައި މާރާމާރީ ހިންގިއިރު މަސްބޯޓުއޮތީ ރާއްޖެއާ 760 މޭލު ބޭރުގައެވެ. އަދި މިޙާދިސާގައި އަނިޔާވެގެން އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ދެމީހުން ކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މިހާދިސާއާގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްއެންޑީއެފްގެ އިންފޯމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، މިޙާދިސާގެ ރިޕޯޓް ކޯސްޓް ގާޑަށް ލިބިފައިވަނީ މިމަހުގެ 20ވަނަ ދުވަހު ކަމަށެވެ. އަދި މިބޯޓުން ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު ރާއްޖޭގެ ސަރަހައްދާ ކައިރިކުރުމުން ކޯސްޓްގާޑުގެ ލޯންޗު މަސްބޯޓު އޮތް ސަރަހައްދަށްގޮސް އެދެމީހުން އައްޑޫސިޓީއަށް ގެންގޮސް ދީފައިވާކަމަށް އެނާ ވިދާޅުވިއެވެ.

މިދެމީހުން އައްޑޫސިޓީ އަށް ގެންގޮސްފައިވަނީ މިރޭ 19:35 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެދެމީހުންގެ ޙާލު ސީރިއަސްނޫންކަމަށާ، އެހެންނަމަވެސް ދެމީހުންގެވެސް ހަށިގަނޑުގެ އެކި ހިސާބުތަކަށް ފުން ޒަކަމްތަކެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.