ޚަބަރު

އިނގިރޭސި ލީގު ކަޕްގެ ތަށި މެންޗެސްޓާ ސިޓީއިން ދިފާޢުކޮށްފި


ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީ އިނގިރޭސި ލީގް ކަޕްގެ ތަށި ދިފާއުކޮށްފިއެވެ.

އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓަރ ސިޓީއާއި ޗެލްސީ ވާދަކުރި މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭގޮތް ނުވުމުންނެވެ. ޕެނަލްޓީގައި ސިޓީ ކުރި ހޯދީ ހަތަރެއް ތިނަކުންނެވެ.

ޕެނަލްޓީ ޖެހުމުގެ ކުރިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާއަށެވެ. އިތުރު ވަގުތުގެ ފަހު ހާފުގެ ފަހު ވަގުތުކޮޅު ކޯޗު ސަރީ އޭނާ ބަދަލުކުރަން އުޅުމުން ކެޕާވަނީ ފައިބަން ދެކޮޅު ހަދާފައެވެ. ކުޅުންތެރިޔާ ދަނޑުން ފައިބަން ބޭނުންނުވުމުގެ ސަބަބުން ކޯޗުވަނީ އެންމެ ފަހުން އޭނާގެ ނިންމުން ބަދަލުކޮށް ކެޕާއަށް މެޗު ފުރިހަމަކުރަން ފުރުސަތުދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީން ދެ ޕެނަލްޓީ ބޭކާރުކުރިއެވެ. ޖޯގީނިއޯ ޖެހި ޕެނަލްޓީ އެޑަސަން ދިފާއުކުރިއިރު، ޑޭވިޑް ލުއިޒްގެ ޕެނަލްޓީ އަރިމަތީ ދަނޑީގައި ޖެހިފައިދިޔައީ ބޭރަށެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިންނަކީ އަޒްޕިލިކުއެޓާ، އެމަސަންގެ އިތުރުން އެޑެން ހަޒާޑެވެ.

މެންޗެސްޓަރ ސިޓީގެ ލެރޮއީ ސާނޭ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ ދިފާއުކުރިނަމަވެސް އެޓީމުންވަނީ ބާކީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ސިޓީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ގުންޑޮޣާން، އަގުއެރޯ، ބެނާޑޯ ސިލްވާ އަދި ރަހީމް ސްޓާލިންގ އެވެ. މިއީ މެންޗެސްޓަރ ސިޓީން ލީގް ކަޕް މިދިޔަ ހަ އަހަރުގެ ތެރޭގައި ކާމިޔާބުކުރީ 4 ވަނަ ފަހަރެވެ.

މި ސީޒަންގައި އިތުރު ތިން ޓްރޮފީ ކާމިޔާބުކޮށް ތާރީޚީ ރެކޯޑެއް ހެދުމުގެ ފުރުސަތުވެސް ސިޓީއަށް އެބައޮތެވެ. އެފްއޭ ކަޕްގެ ކުއާޓާރ ފައިނަލުން އެޓީމް ފުރުސަތު ހޯދާފައިވާއިރު، ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމުގެ ފުރުސަތުވެސް އެޓީމަށް އެބައޮތެވެ.