ޚަބަރު

ސްޓެލްކޯ އިންޖީނުގެތަކުގެ ޙާލަތު ބެލުމަށް އެމް.ޑީ މުޣުނީ ރަށްރަށަށް


ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގެ ޙާލަތު ދެނެގަތުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަތޮޅުތެރެގައި ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅަކީ ސްޓެލްކޯއިން ފޯރުކޮށްދޭ ތަރައްޓުގެ ވިއުގަ ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދީ، ސްޓެލްކޯގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ފެއްޓެވި ދަތުރުފުޅެކެވެ.

އެގޮތުން އެންމެ ފުރަތަމަ ބައްލަވާލައްވާފައިވަނީ އދ. އަތޯޅުގައި ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭ އަށް ރަށުގެ އިންޖީނުގެތަކަށެވެ. އެގޮތުން އެ އަތޮޅު ދިއްދޫ، ދިގުރަށް، ފެންފުށި، މަންދޫ، ކުނބުރުދޫ، މަހިބަދޫ ، އޮމަދޫ އަދި ހަންޏާމީދޫގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ ވަނީ، އިންޖީނުގެތަކުގެ މަސައްކަތްތައް ކުރިއަަށްދާގޮތް ބައްލަވާލައްވާފައެވެ.

އެގޮތުން އިންޖީނުގޭގައި މަސައްކަތް ކުރާ މުއައްޒަފުންނާއި ބައްދަލުކުރައްވައި، އިންޖީނުގެއަށް ދިމާވެފައިވާ ދަތިތަކާއި، އަދި އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވަނީ މަޝްވަރަކުރައްވާފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހައް ހައްލުކޮށްދެއްވާނެކަމަށެވެ.

ސްޓެލްކޯއިން އދ އަތޮޅަށް ޒިޔާރަތް ކުރައްވާ، އިންޖިނީގެތަކުގެ ހާލަތު ބައްލަވާލެއްވީ މިދިޔަ ހަފްތާ ބަންދުގައެވެ. ސްޓެލްކޯއިން ބުނެފައިވަނީ މި ޒިޔާރަތްތަކުގައި، ސްޓެލްކޯއިން ހިންގާ ހުރިހާ އިންޖީނުގެތަކުގެ ޙާލަތު ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ޒިޔާރަތް ކުރައްވާނެކަމަށެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން ސްޓެލްކޯއިން އަންނަނީ 35 އިންޖީނުގެއިން، އާއްމުންނަށް ކަރަންޓު ފޯރުކޯށްދިނުމުގެ ޚިދުމަތް ދެމުންނެވެ.