ޚަބަރު

މަޖީދިއްޔާ ސްކޫލް ކުރިމަތީ އޮންނަ ހުސްބިމުގައިވެސް ޕާކިން އޭރިއާ ހަދަނީ


މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮތް ހުސްބިމުގައި ޕާކިން އޭރިއާއެއްހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެހުސްބިމުގެ ބޮޑު ބައެއް ޕާކުކުރުމަށް ޚާއްސަކުރިނަމަވެސް، އެތަަނުގެ ބައެއް ހިތްފަސޭހަކޮށްލަށް ތިބެވޭނޭ ގޮތަށްވެސް ހަައްދަވާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ މެންބަރު ޒަމީރް ވިދާޅުވީ މިހާރު މުޅި އެސަރަަޙައްދު ސާފުކޮށް ނިމިފައިވާކަމަށެވެ. އަދި އެތަނުގެ ބިންގަނޑު އެއްވަރުކޮށް ގާއެތުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ގާ އަތުރައި ނިމުނުހާއަވަހަށް އެސަރަޙައްދު ޕާކިންގއަށް ހުޅުވާލާނެކަމަށްވެސް އަހްމަދު ޒަމީރް ވިދާޅުވިއެވެ. މަޖީދިއްޔާ ކުރިމަތީގައި ހަދާ ޕާކިން އޭރިއާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސައިކަލު ޕާކިންގ އޭރިއާއެއްގެ ގޮތުގައެވެ.

ޒަމީރް ވިދާޅުވީ، މީހުން މަޑުކޮށްލުމަށް ޚާއްސަ ސަރަޙައްދުގައި، ގޮނޑި ބަހައްޓައިގެން ތިބެވޭގޮތަށް ހަދާނެކަމަށެވެ. މަޖީދިއްޔާ ކުރިއަތީގައި އޮތް ބިމަކީ، ކުރީގެ "ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު" ހުރި ބިމެވެ. އެމަރުކަޒު ސަރުކާރުން އުވާލެއްވުމާއެކު ހުސްބިމެއްގެގޮތުގައި އޮތުމަށްފަހު އެސަރަޙައްދުގައި ހައުސިންގ ޔުނިޓް އަޅަންވެސް ސަރުކާރުން ނިންމިއެވެ.

މި ބިމުގައި ޕާކިން އޭރިއާ ހަދައި ހިތްފަސޭހަ ކޮށްލުމަށް ތިބެވޭގޮތަށް ހަދަންނިންމީ، މާލެއަކީ ތޮއްޖެހުން ކުޑަ ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެދަށުންނެވެ.

މިސިޔާސަތުގެދަށުން ސިނާމާލެ ބްރިޖް ސަރަޙައްދުގައި ހިމެނޭ ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސިޓީ ކައުންސިލުން މީގެކުރިންވަނީ ވިދާޅުވެފައެވެ. މީގެއިތުރަށް މާލޭގެ އިތުރު ހުސްބިންތައް ސާފުކޮށް ފެހިކޮށް، ހިތްފަސޭހަ މައިދާންތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިހާރުގެ ސަރުކާރުގެ ވިސްނުންފުޅަކީ މާލޭގައިހުރި ހުސްބިންތަކުގައި އިތުރަށް ބޮޑެތި ކޮންކްރީޓް ޢިމާރާތްތައް އެޅުން ހުއްޓާލައި، އެތަންތަނުގައި ވެހިކަލް ޕާކްކުރުމަށާއި ހިތްފަސޭހަކޮށްލަން ތިބެވޭނެ މައިދާންތައް ހެދުމެވެ.