އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން އޮލޭގަނާ ސޮލްސްޝާ އަށް ހައްގު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ. 
އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި އިނގިރޭސި އެންމެ ވާދަވެރި ދެ ޓީމު މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. 
މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލް އޮތީ 65 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނާގައި. އެއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެގެން. ޔުނައިޓެޑަށް ލިބިފައިވަނީ 51 ޕޮއިންޓާއެކު ހަތަރުވަނައެވެ.
ނަމަވެސް ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށް ސޮލްސްޝާ އަށް ކޯޗުކަން ދިން ފަހުން ޔުނައިޓެޑް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައިކަން ކްލޮޕް ފާހަގަ ކުރިއެވެ. ޔުނައިޓެޑްގެ ކުރީގެ ފޯވަޑްގެ ކޯޗުކަމުގައި ޔުނައިޓެޑް ޕްރެމިއާ ލީގުގައި މިހާތަނަށް ގެއްލުވާލީ އެންމެ ދެ ޕޮއިންޓެވެ. އަދި 13 މެޗު ކުޅެ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. 
ކްލޮޕް ބުނީ ނަތީޖާ މިހާ ރަނގަޅުއިރު، އަންނަ ސީޒަނުގައި އޭނާ ޔުނައިޓެޑްގައި ބަހައްޓާނެކަން އޭނާއަށް ޔަގީންކަމަށެވެ. އަދި ސޮލްސްޝާއަކީ ޔުނައިޓެޑަށް ކޯޗުކަންކޮށްދެވޭވަރުގެ ކޮލިޓީ ކޯޗެއްކަމަށްވެސް ކްލޮޕް ބުންޏެވެ. 
ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ލިވަޕޫލް އެއްވަނާގައި އޮތުމަށް މެޗު ކާމިޔާބު ކުރަން ބޭނުންވާއިރު ޔުނައިޓެޑަށް ގަދަ ހަތަރެއްގައި އޮތުމަށް މެޗުގެ މުހިންމުކަން ބޮޑެވެ.