ސިޔާސީ

އެމްޕީ ނާޒިމްއާއި ދެކޮޅަށް 3 މީހަކު ހެކިބަސްދީފި


ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއާއި ދެކޮޅަށް ދައުލަތުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނާޒިމާ ދެކޮޅަށް 3 މީހަކު ހެކިބަސްދީފިއެވެ.މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތިން ފަރާތެއްގެ ހެކިބަސް ނަގާފައިވާއިރު، އެފަރާތްތަކުން މިއަދު ދިން ހެކިބަހާއި ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތަކާ ދިމާނުވާތީ ފަނޑިޔާރުންގެ ބެންޗުންވަނީ ހެކިވެރިންނާ ސުވާލު ކުރިމަތިކުރުވާފައެވެ.ނާޒިމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ ހަތަރު މައްސަލައިގެ ތެރެއިން މިއަދު އިސްތިއުނާފް އަޑުއެހުން ބާއްވާފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15000 ދިދަ ގަތުމުގައި މަކަރާއި ހީލަތް ހެދިކަމަށް ދައުލަތުން ތުހުމަތު ކުރާ މައްސަލައެއްގައެވެ.މަކަރާއި ހީލަތް ހަދައިގެން ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ނާޒިމް ކާމިޔާބުކޮށްފައިވާކަމަށް ބުނެ އޭނާއާއި ދެކޮޅަށް ހަތަރު މައްސަލައެއްގައި ދައުލަތުން ކްރިމިނަލްކޯޓްގައި ދައުވާ އުފުލާފައިވީ ނަމަވެސް އެ ހަތަރު މައްސަލަވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ. އަދި ދަށުކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލަތައްވެސް ނިމިފައިވަނީ ނާޒިމްއާއި އެއްކޮޅަށެވެ.