ވިޔަފާރި

"މޯލްޑިވްސް އިންވެސްމެންޓް އޮޕަޗިއުނިޓީ ގައިޑް" ގެ ނަމުގައި ޚާއްސަ ފޮތެއް ތަޢާރަފްކޮށްފި


"މޯލްޑިވްސް އިންވެސްމެންޓް އޮޕަރޓިއުނިޓީ ގައިޑް" ނަމުގައި ކޯޕަރޭޓް މޯލްޑިވްސްއިން ޚާއްސަ ފޮތެއް ތަޢާރަފްކޮށްފިއެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން މި ފޮތް ތައާރަފްކޮށްފައިވަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފައިނޭންސް އިންޑަސްޓްރީއާއި ގުޅިގެންނެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި، އެނޫންވެސް މައުލޫމާތުތައް ހިމެނޭ ފޮތް ތަޢާރަފްކޮށްފައިވަނީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވުމަށްޓަކައި ކޯޕަރޭޓް މޯލްޑިވްސްއިން ބޭއްވި ގޯލްޑް 100 ހަފްލާގެ ތެރެއިންނެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ، މި ގައިޑު މެދުވެރިކޮށް، ރާއްޖޭގެ ކުދި ވިޔަފާރި ކުންފުނިތަކުގެ މަޢުލޫމާތާއި ބޭރުގެ ބޮޑެތި ކުންފުނިތަކަށް ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފުރުސަތުތަކުގެ މަޢުލުމާތު ލިބިގެންދާނެކަމަށެވެ.

މި ގައިޑުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ބޭއްވި ގޯލްޑް 100 ގާލާގައި ވަނީ، އެކުންފުނީގެ މިއަހަރުގެ ގޯލްޑް 100 މެގަޒިން ތަޢާރަފްކޮށްފައެވެ. މި މެގަޒިންގައި މި ހަފްލާގައި ހޮވުނު 100 ކުންފުނީގެ މަޢުލުމާތު ޝާއިޢުކޮށްފައިވާއިރު ރާއްޖޭގެ މަލީ ދާއިރާގެ ތާރީޚާއި ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް މުހިއްމު މަޢުލޫމާތު ލިބިގެންދާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ގޯލްޑް 100 ގަލާއަކީ ރާއްޖޭގައި ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް މަސައްކަތްކުރަމުންދާ އަދި ވިޔަފާރީގެ ގޮތުން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވާ އެކުންފުނިތަކުގެ އަގު ވަޒަންކުރުމަށްޓަކައި ދެމުން އަންނަ އެވޯޑެކެވެ.